ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ "ޕުޝް ނޮޓިފިކޭޝަން" އެތަނުގެ އެޕަށް ލިބޭ ގޮތަށް ހަދައިފި އެވެ.
ގައުމީ ބޭންކުން މިއަދު ވަނީ އިންޓަނެޓް ބޭންކިންގެ ހިދުމަތް މެދުވެރިކޮށް ކަސްޓަމަރުންގެ އަމިއްލަ އެކައުންޓްތަކުން ކުރާ މުއާމަލާތްތަކުގެ ނޮޓިފިކޭޝަން ލިބޭ ގޮތް ހަދައިފަ އެވެ. މިއީ ބީއެމްއެލް އެޕް މެދުވެރިކޮށް ފޯނުގެ ނޮޓިފިކޭޝަން ސްކްރީނާއި، ބެނާ އަދި ލޮކް ސްކްރީނަށް އަންނަ ނޮޓިފިކޭޝަނެކެވެ.
ބީއެމްއެލް އެޕުން "ޕުޝް ނޮޓިފިކޭޝަން" ލިބޭނީ އެއް އެކައުންޓުން އަނެއް އެކައުންޓައް ކުރާ ޓްރާންސްފާކުރުމުންނާއި ޑޮމެސްޓިކާއި އިންޓަނޭޝަނަލް ޓްރާންސްފާ ހެދުމުންނާއި ބިލް ދައްކައިގެންނާއި ސްކޭން ޓު ޕޭ މެދުވެރިކޮށް ކުރާ މުއާމަލާތަތަކުންނާއި އަމިއްލަ އެކައުންޓުން ވޮލެޓަށް ކުރާ ޓްރާންސްފާތަކާ ގުޅިގެންނެވެ.
އެހެންވެ އޭޓީއެމާއި ފައިސާ އަދި ޗެކުގެ އިތުރުން ކާޑާގުޅޭ އެއްވެސް މުއާމަލާތެއްގެ "ޕުޝް ނޮޓިފިކޭޝަން" ނުލިބޭނެ އެވެ. އެފަދަ މުއާމަލާތްތަކުގައި ނޮޓިފިކޭޝަން ލިބޭނީ ފޯނަށް އަންނަ މެސެޖެއްގެ ގޮތުގަ އެވެ.
"ޕުޝް ނޮޓިފިކޭޝަން" ފުރަތަމަ ލިބޭ ގޮތަށް ހެދީ ހަމައެކަނި އަމިއްލަ އެކައުންޓްތަކުގެ މުއާމަލާތްތަކަށެވެ.