Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ގޯވިންދާ އަށް ހައްގު މިންވަރެއް ނުލިބޭ: ރޯހިތު

ބޮލީވުޑްގެ ތަރި ގޯވިންދާ އަކީ 10 ވަރަކަށް އަހަރުގެ ތެރޭގައި ފުލުފުލުން ބްލޮކްބަސްޓާ ފިލްމުތަކެއް ކުޅުނު އެކްޓަރަކަށް ވިޔަސް އެ ކާމިޔާބީތަކާ އެކީ ވެސް އޭނަ އަށް ހައްގު މިންވަރު އިންޑަސްޓްރީން ލިބިފައި ނުވާ ކަމަށް ކާމިޔާބު ޑައިރެކްޓަރު ރޯހިތު ޝެޓީ ބުނެފި އެވެ.

މި މަހުގެ 23 ގައި ރިލީޒްކުރާ އޭނަގެ ފިލްމު "ސާކަސް" ގެ ޓީމާ އެކީ ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ރޯހިތު ބުނީ ގޯވިންދާ އަށް ލިބެންވާ ހައްގު މިންވަރު ލިބުނު ނަމަ އޭނަ ވާނީ ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް ސްޕަސްޓާރަށް ކަމަށެވެ. އޭނަ ބުނި ގޮތުގައި 90 ގެ ތެރޭގައި ގޯވިންދާ އާއި ޑައިރެކްޓަރު ޑޭވިޑް ދަވަން އަކީ ބެލުންތެރިން އެންމެ ބޮޑަށް މުނިފޫހި ފިލުވައި ދިން މީހުންނެވެ.

އެގޮތުން އެ ދެ މީހުން އެކީގައި މަސައްކަތްކުރި ފިލްމުތަކުގެ ތެރޭގައި "ޝޯލާ އޯރް ޝަބްނަމް" އާއި "އާނކޭ" އާއި "ރާޖޫ ބާބޫ" އާއި "ކޫލީ ނަމްބަރު 1" އާއި "ޖޯޅީ ނަމްބަރު 1" އާއި "ހީރޯ ނަމްބަރު 1" އަދި "ހަސީނާ މާން ޖާއޭގީ" ފަދަ ފިލްމުތައް ބެލުންތެރިން ވަރަށް ބޮޑަށް ބަލައިގަތް ކަމަށް ރޯހިތު ބުންޏެވެ.

އެކްޓަރު ވަރޫން ދަވަންގެ ބައްޕަ ޑޭވިޑް ޑައިރެކްޓްކުރި 18 ފިލްމެއްގައި ގޯވިންދާ މަސައްކަތްކުރި އެވެ. މިހާރު އުމުރުން 59 އަހަރުގެ އެކްޓަރު ފާހަގަކުރެވުނީ ކޮމެޑީ ރޯލްތަކާއި ނެށުމަށް ވަރަށް މޮޅު ތަރިއެއްގެ ގޮތުގަ އެވެ.

މި ފަހުން ބޮލީވުޑުން ގޯވިންދާ އަށް އެއްވެސް ފުރުސަތެއް ނުލިބެ އެވެ. އެހެންވެ އެކަމާ އޭނަ ހުންނަނީ އިންޑަސްޓްރީގެ މީހުން ދެކެ ވަރަށް ހިތްހަމަނުޖެހިފަ އެވެ.

ރޯހިތު ބުނި ގޮތުގައި ގޯވިންދާގެ ފިލްމުތަކުގެ ތެރެއިން "އާނކޭ" އަކީ އޭނަގެ ވަރަށް ބޮޑު ފެވަރިޓެކެވެ. އޭގެ ރިމޭކެއް ރޯހިތު ހަދަން އުޅުނު ވާހަކަތަކެއް ވެސް ކުރިން ވަރަށް ބޮޑަށް ދެކެވިފައިވެ އެވެ. ޕިންކްވިލާގެ އިންޓަވިއުއެއްގައި އޭނަ ބުނީ "އާނކޭ" ގެ ރިމޭކެއް ހަދާ ނަމަ އެ ފިލްމަށް ނަގާނީ "ސާކަސް" ގެ ބަތަލު ރަންވީރު ސިންގް އާއި އަރުޖުން ކަޕޫރްގެ އިތުރުން ގޯވިންދާ ކަމަށެވެ.

"އާނކޭ" އަކީ ގޯވިންދާ އާއި ޗަންކީ ޕާންޑޭ ބަތަލުންގެ ރޯލު ކުޅުނު ފިލްމެކެވެ.

ރޯހިތުގެ "ސާކަސް" އަކީ ޝޭކްސްޕެއާގެ ޕްލޭ "ކޮމެޑީ އޮފް އެރާސް" އަށް ބިނާކޮށް ހަދާފައިވާ ކޮމެޑީއެކެވެ. ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގެ ލީޑް ތަރިންނަކީ ރަންވީރު އާއި ވަރުން ޝަރުމާ އާއި ޖެކްލިން ފެނަންޑޭޒާއި ޕޫޖާ ހެގްޅޭ ހިމެނެ އެވެ.