ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް، ޕޮލިސް ބޯޑުން ނިންމާފަައިވާ ފުލުހުންގެ އިސް ފަސް އޮފިސަރަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ބާތިލު ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ވަޒީފާއިން ވަކިކުރުމަށް ނިންމުމުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އަހުމަދު މުހައްމަދު (ޓޫފޯ)، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް އާދަމް އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދުއެވެ.
ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމި ނިންމުމުގެ މައްޗަށް ބިނާކޮށް 10 އޮކްޓޯބަރު 2021ގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އަހުމަދު މުހައްމަދު (ޓޫފޯ)، ފުލުހުންގެ ވަޒީފާއިން ވަކިކުރިކަމުގެ ލިޔުންވެސް ދީފައިވެއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، ހުށަހެޅިފައިވާ ލިޔުންތަކާއި، މައްސަލައާ ގުޅޭ ޤާނޫނީ ނައްސުތަކަށް ބަލާއިރު، ދައުވާކުރާ ފަރާތްތައް ފުލުހުންގެ ހިދުމަތުގެ ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވާން ނެތްކަމަށެވެ. އަދި ދައުވާކުރާ ފަސް ފަރާތް ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރު ޕޮލިސް ބޯޑަށް ލިބިދީފައިނުވާކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމުހައި ބުނެފައިވަނީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އަހުމަދު މުހައްމަދު (ޓޫފޯ) ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާފައިވާ ކަމަށްބުނެ، 10 އޮކްޓޯބަރު 2022 އިން ފެށިގެން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ނިންމުމާއި، ދައުވާލިބޭ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް އާދަމް އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާފައިވާ ކަމަށްބުނެ ދީފައިވާ ނޯޓިސް އަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ނ އާ ހިލާފަށް ދީފައިވާ ނޯޓިސްތަކެއް ކަމަށެވެ.
އެހެންކަމުން މި ފަސް ފަރާތް ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ނިންމުން ބާތިލުކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވެއެވެ.