މިވޭތުވެ ދިޔަ ހަތަރު އަހަރު ތެރޭ ސްޓެލްކޯއިން ސީއެސްއާރުގެ ދަށުން 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޙަރަދުކޮށްފައިވާނެ ކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ކަރަންޓު ޙިދުމަތް ފޯރުކޮށްދޭތާ 73 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާއެއް ވަނީ ބާއްވާފައެވެ. ނައިބް ރައީސް ފައިސަލް ނަސީމް ޝަރަފުވެރިކޮށްދެއްވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ޝަރީފް ވަނީ ރައްޔިތުންނަށް ސްޓެލްކޯއިން ފޯރުކޮށްދޭ ޙިދުމަތް ރަނގަޅު ފެންވަރެއްގައި ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތް ކުރެވޭކަން ފާހަގަކުރައްވާފައެވެ.
ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ޙިދުމަތްދޭ ރައްތަކުގެ ތެރެއިން ތަފާތު ރަށްތަކުގައި ކޮންމެ އަހަރެއްގެ ތެރޭގައިވެސް މަދުވެގެން ހަތަރު މިލިއަނާއި ފަސް މިލިއަނާއި ދެމެދު އިޖްތިމާޢީ ޒިންމާ ދަށުން ޙަރަދު ކުރާ ކަމަށެވެ. މިއާއެކު ވޭތުވެ ދިޔަ 4 އަހަރު ތެރޭ ރަށްތަކުގައި އެކިކަހަލަ ކަންކަމަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސީއެސްއާރުގެ ދަށުން ޙަރަދު ކުރެވިފައިވާނެ ކަމަށް ވިދާޅުވިއެވެ. މިގޮތުން މި ޙަރަދަކީ ރަށެއްގެ ތަރައްޤީއަށް ނުވަތަ މުޅި ރައްޔިތުންގެ މަސްލަހަތު ހިމެނޭ މަސައްކަތްތައް ކަމަށް ވިދާޅުވިއެވެ.

ޝަރީފް ވަނީ ކުރިއަށް އޮތް އަހަރު މިއަށް ވުރެ ފުޅާ ދައިރާއެއްގައި ރަށްރަށް ތަރައްޤީ ކުރުމުގައި އަދި ކައުންސިލްތަކަށް އެހީވުމުގައި ބައިވެރިވާނެ ކަމަށެވެ. މިއީ ކަރަންޓު ޙިދުމަތުން ސްޓެލްކޯއިން ނަގާ އަގުން ރައްޔިތުންނަށް ކޮށްދެވޭ މުހިންމު ކަމެއްގެ ގޮތުގައި ޝަރީފް ފާހަގަ ކުރެއްވިއެވެ.
މިއާއެކު ސްޓެލްކޯގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ތަފާތު ގިނަ ކަންކަން ފުރިހަމަކޮށްދީ ފެންވަރު ރަނގަޅު ޙިދުމަތެއް މުވައްޒަފުންގެ ފަރާތުން ފޯރުކޮށްދިނުމަށް ކުންފުނިން ކުރަން ޖެހޭ ކަންކަން އަބަދުވެސް ކުރާކަން ފާހަގަ ކުރެއްވިއެވެ. މިކަމަށް އަލިއަޅުވައި ޝަރީފް ވިދާޅުވީ މިހާރުވެސް ސްޓެލްކޯއިން 360 މުވައްޒަފަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މިކަމުގައި މުވައްޒަފުންނަށް އިތުރަށް ލުއި ފަސޭހަ ކޮށްދިނުމަށް ކޮންމެ މަހަކު ދައްކަން ޖެހޭ ވަރު ކުޑަކޮށް 25 އަހަރުން އަގު ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައިވާ ކަން ވަނީ ހާމަކޮށްފައެވެ. މީގެ ކުރީން ފްލެޓްތަކަށް ކުލި ދައްކަން ދީފައިވަނީ 18 އަހަރުގެ މުއްދަތެކެވެ. މީގެ އިތުރުން ޑައުން ޕޭމެންޓް ދެއްކުމުގައި ދަތިވާ ފަރާތްތަކަށް މިއަދަދުވެސް ޕްރިންސިޕަލް އެމައުންޓުގެ ތެރޭ ހިމަނޭ ގޮތަށް ހަމަޖެހޭނެކަން ވަނީ ހާމަކޮށްފައެވެ.