Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

އިކޮނޮމިކް ރިސާޗް ސެންޓަރު އިފުތިތާހްކޮށްފި

ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި، އިކޮނޮމިކް ރިސާޗް ސެންޓަރެއް (އީ.އާރް.ސީ) މިއަދު އިފްތިތާހުކޮށްފި އެވެ.

މި ސެންޓަރު ގާއިމްކުރެވިގެން ދިޔައީ، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސް އާއި މިނިސްޓްރީއާ ދެމެދު ފެބުރުވަރީ 2022 ގައި ސޮއިކުރެވުނު އެމް.އޯ.ޔޫ އެއްގެ ދަށުން ފޯރުކޮށްދެއްވާފައިވާ ފަންނީ އެހީތެރިކަމާއެކުގަ އެވެ.

އިކޮނޮމިކް ރިސާރޗް ސެންޓަރުގެ އަމާޒަކީ، ރާއްޖޭގެ ތަރައްގީއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް، ތަފާސް ހިސާބާއި އީޖާދީ ވަސީލަތްތައް ބޭނުން ކުރުމަށް މަގުފަހިކޮށްދިނުމާއި، ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލާ ގޮތްތަކަށް ބޮޑު ބަދަލެއް ގެނައުމެވެ.

މި ސެންޓަރުގެ މަސައްކަތް ޚާއްސަކުރެވިފައިވަނީ، ތަފާސް ހިސާބު ބޭނުންކޮށްގެން ދިރާސާތައް ކުރުމާއި،
ސިޔާސަތުތައް އެކުލަވާލުމުގައި އާއްމުންގެ ހިއްސާ އިތުރުކުމަށެވެ. އީއާރުސީގެ ވިސްނުމަކީ ދުނިޔޭގެ އިނޮވޭޝަން
ސެންޓަރުތަކާއި ސަރުކާރާއި ދިވެހި ރައްޔިތުންނާ ދެމެދު ޢިލްމާއި ހުނަރު ބަދަލުކުރުމުގައި މެދުވެރިއަކަށް ވުން ކަމަށް މިނިސްޓްރީން ބުނެ އެވެ.

އިކޮނޮމިކް ރިސާޗް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ފައްޔާޒު އިސްމާއިލްގެ ވާހަކަފުޅުގައި ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ދިރާސާކުރެވި، ފުރިހަމަ މަޢުލޫމާތު ލިބިގެން އެ ސިޔާސަތުތައް އެކުލަވާލުމުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ސަރުކާރުގެ ވުޒާރާތަކުގައި ޒަމާނުއްސުރެ މައުލޫމާތުތަކެއް އެއްކުރެވިފައި ހުރިނަމަވެސް، ގިނަ މައުލޫމާތެއް ހުރީ ދިރާސާތަކާއި ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންކުރެވޭނެ ފަދަ ގޮތަކަށް ނޫންކަމާއި، އީއާރްސީ ގެ ތެރެއިން މި މައުލޫމާތުތައް ބޭނުންކުރެވޭނެ ގޮތަކަށް ބަދަލުކޮށް ބެލެހެއްޓުމަށް މަގުފަހިވެ، ސިޔާސަތުތައް ކަނޑައަޅަން ފަސޭހަވެގެން ދާނެކަމަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.