Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

ބީއެމްއެލްގެ އެމްޑީއަކަށް ކާލް އައްޔަންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް އެ ބޭންކުގެ ސީއީއޯ، ކާލް ސްޓުމްކަ އައްޔަނުކޮށްފި އެވެ.

ޕީސީބީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކާލް އައްޔަންކުރައްވާ އޭނާއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ޕީސީބީގެ ރައީސް އާސިފް އަހްމަދު އެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ކާލް އައްޔަންކުރީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

ކާލްއަކީ މެދުއިރުމައްޗާއި އެފްރިކާގެ އިތުރުން އިންޑިއާ ކަނޑުގެ ގައުމުތަކާއި އިނގިރޭސިވިލާތުގެ ރީޓެއިލް އަދި ކޯޕަރޭޓް ބޭންކުތަކުގައި އެގްޒެކްޓިވް އަދި ބޯޑު ލެވަލްގައި 36 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.

ކާލް އެންމެ ފަހުން ހުންނެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އަލް އަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމުގަ އެވެ. ކާލް އެ ބޭންކްއާ ގުޅިވަޑައިގަތީ 2010 ވަނަ އަހަރު އެވެ.

އެ ބޭންކުގެ އިންޓަނޭޝަނަލް ބޭންކިންގެ ޖެނެރަލް މެނޭޖަރުގެ ގޮތުގައި އޭނާ ވަނީ ފުޅާ ދާއިރާއެއްގައި ކޯޕަރޭޓް ޕޯޓްފޯލިއޯ ބަލަހައްޓަވާފަ އެވެ. އެ ބޭންކުގެ ސީއީއޯގެ މަގާމާ ކާލް ހަވާލުވެވަޑައިގަތީ 2017 ވަނަ އަހަރު އެވެ.

އަލް އަހްލީ ބޭންކް އޮފް ކުވައިތުއާ ގުޅިވަޑައިގެންނެވުމުގެ ކުރިން ކާލް ހުންނެވީ ބަހުރެއިންގައި ހުންނަ ބޭންކް މަސްކަޓް އިންޓަނޭޝަނަލްގެ ރީޖަނަލް ކޯޕަރޭޓް ޑައިރެކްޓަރު މަގާމުގަ އެވެ. އެ މަގާމުގައި އޭނާ ވަނީ އެ ބޭންކުގެ ކޯޕަރޭޓް، ކޮމާޝަލް، އެސްއެމްއީ އަދި އިސްލާމިކް ބޭންކިން ހިދުމަތްތައް ބަލަހައްޓަވާފަ އެވެ. އޭގެ އިތުރުން ކާލް ވަނީ ބާކްލޭސް ބޭންކް މޮރިޝަސްގެ ރީޖަނަލް މެނޭޖިން ޑިރެކްޓަރު، އިންޑިއަން އޯޝެންސްގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

ކާލް ވަނީ ބާކްލޭސް ބޭންކް ޓެންޒޭނިއާގެ އެގްޒެކްޓިވް ޑައިރެކްޓަޝިޕްގެ މަގާމު ވެސް ފުރުއްވާފަ އެވެ. އަދި އެކި އިދާރާތަކުގައި ނޮން އެގްޒެކްޓިވް ޑައިރެކްޓަޝިޕްގެ މަގާމުތައް ވެސް އަދާކުރައްވާފައިވެ އެވެ. މީގެތެރޭގައި މަނީ އޮން ޑިމާންޑް، ބާކްލޭސް ލީސިން އަދި ބާކްލޭސް ބޭންކް ސީޝެލްސް ހިމެނެ އެވެ.