Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ޕޯޗުގަލްގެ ކޯޗަކަށް މޮރީނިއޯ ގެންނަނީ

ހުސްވެފައިވާ ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އިޓަލީގެ ރޯމާގެ ކޯޗުކަމުގައި ހުރި ހޯޒޭ މޮރީނިއޯ ގެންނަން ޕޯޗުގަލްގެ ފުޓްބޯޅަ އިދާރާ އިން މަސައްކަތް ފަށައިފި އެވެ.

ޕޯޗުގަލްގެ ކޯޗުކަމުގެ މަގާމު ހުސްވީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށްފަހު އެ މަގާމުގައި ހުރި ފެނާންޑޯ ސަންޓޯސް މަގާމުން އިސްތިއުފާ ދިނުމުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި މަގާމަށް ގެންނަން ޕޯޗުގަލްގެ ފުޓްބޯޅަ އިދާރާ އިން އެންމެ ބޭނުންވަނީ މޮރީނިއޯ އެވެ. އެކަމަށް ޕޯޗުގަލްގެ ފުޓްބޯޅަ އިދާރާ އިން މަސައްކަތް ފަށާފައިވާއިރު ވީހާވެސް އަވަހަކަށް މޮރީނިއޯގެ ފަރާތުން ޖަވާބަކަށް އެ އިދާރާ އިން އިންތިޒާރު ކުރާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

މޮރީނިއޯ ގެންނަން މަސައްކަތް ކުރަނީ ރޯމާގެ ކޯޗަކަށް ހުރެ، ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވާ ގޮތަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމާ ގުޅޭގޮތުން ރޯމާއާއެކު މަޝްވަރާ ކުރަން ޕޯޗުގަލްގެ ފުޓްބޯޅަ އިދާރާ އިން ބޭނުންވަނީ މޮރީނިއޯގެ ފަރާތުން ޖަވާބެއް ލިބުމުން ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ. މޮރީނިއޯ ރޯމާއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2024 ވަނަ އަހަރު އެވެ.

ޕޯޗުގަލްގެ ކޯޗުކަމުގެ މަގާމުގައި ކުރިން ހުރި ސަންޓޯސް ވަނީ އެ މަގާމުގައި 8 އަހަރު ހޭދަކޮށްފަ އެވެ. އެ 8 އަހަރުތެރޭ ޕޯޗުގަލް އިން ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތް އަދި ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕް ޕޯޗުގަލް ނިންމާލީ ކުއާޓާފައިނަލާ ހިސާބުންނެވެ.

ޕޯޗުގަލް އަށް ކުރިއަށް ދެން އޮންނާނީ 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން އެވެ. ކޮލިފައިން މެޗުތައް އަންނަ އަހަރުގެ މާޗުގައި ފަށާނެ އެވެ.