އެފްރިކާގެ ޓީމެއް 2026 ގެ ވޯލްޑް ކަޕްގެ ފައިނަލަށް ދާނެ ކަމަށް ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) ގެ ރައީސް ޕެޓްރިސް މޮޓްސެޕޭ ވިދާޅުވެއްޖެ އެވެ.
ވޯލްޑް ކަޕްގެ ފައިނަލަށް މިހާތަނަށް އެފްރިކާ ޓީމެއް ދަތުރުކޮށްފައި ނުވާއިރު ގަތަރުގައި މިފަހަރު ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ފުރަތަމަ ފަހަރަށް އެފްރިކާ ޓީމެއް ވަނީ ސެމީފައިނަލަށް ދަތުރުކޮށްފަ އެވެ. އެއީ މުބާރާތުގައި ހައިރާން ކުރަނިވި ނަތީޖާތަކެއް ނެރުނު މޮރޮކޯ ޓީމެވެ.
ސީއޭއެފްގެ ރައީސް މޮޓްސެޕޭ ވިދާޅުވީ ސީއޭއެފްގެ މައިގަނޑު އަމާޒަކީ އެފްރިކާ ޓީމެއް ވޯލްޑް ކަޕް ކާމިޔާބު ކުރުން ކަމަށާއި އެކަން އޮތީ މާ ދުރުގައި ނޫން ކަމަށެވެ. އެގޮތުން މިފަހަރުގެ މުބާރާތުގެ ސެމީއަށް ދަތުރުކޮށް މޮރޮކޯ އިން އެކަން ހާސިލުކުރުމަށް ދޮރު ހުޅުވާފައިވާ ކަމަށާއި ދެން އޮންނަ ވޯލްޑް ކަޕެއްގައި ސެމީ އަށް ވުރެ ދުރަށް އެފްރިކާ ޓީމެއް ދަތުރު ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މޮޓްސެޕޭ ވިދާޅުވި އެވެ.
މޮޓްސެޕޭ ވިދާޅުވީ އެންމެ މަތީ ފަންތީގައި ވާދަކޮށް ވޯލްޑް ކަޕް ކާމިޔާބު ކުރެވޭ ވަރުގެ 10 ޓީމެއް އެފްރިކާގައި އެބައޮތް ކަމަށެވެ. އަދި އެފްރިކާގެ ޓީމުތަކުން މޮރޮކޯގެ ފަރާތުން ފިލާވަޅުތަކެއް ލިބިގަންނަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ދެހާސް ސައްބީހުގެ ވޯލްޑް ކަޕުން ފެށިގެން މުބާރާތް 48 ޓީމަށް ފުޅާކުރުމަށް ހަމަޖެހިފައިވާއިރު އެފްރިކާ އަށް އޭރުން ޖުމްލަ 9 ޖާގަ ލިބޭނެ އެވެ. އެއީ މިހާރު ލިބޭ ވަރަށް ވުރެ ހަތަރު ޖާގަ އިތުރު އަދަދެކެވެ.