Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

އަޖޭގެ "ބޯލާ" ގެ ޕޯސްޓަރުތަކެއް

ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަން ޑައިރެކްޓްކޮށް، ކުޅޭ ހަތަރު ވަނަ ފިލްމު "ބޯލާ" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

އަންނަ އަހަރުގެ މާޗް 30 އަށް ތާވަލުކޮށްފައިވާ މި ފިލްމަކީ އަންނަ އަހަރު ބެލުންތެރިންނަށް ފެންނާނެ އަޖޭގެ ފުރަތަމަ ފިލްމެވެ. "ބޯލާ" އަކީ 2019 ތަމަޅަ އެކްޝަން ތުރިލާ "ކައިތީ" ގެ ރިމޭކެކެވެ. ކާތީ ކުޅުނު ފިލްމު ލިޔެ، ޑައިރެކްޓްކުރީ ލޮކޭޝް ކަނަގަރާޖެވެ. ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު "ކައިތީ" އަކީ 10 އަހަރުގެ "ޔަތީމު" އަންހެން ކުއްޖަކާއި އެ ކުއްޖާގެ ސަލާމަތަށް މަސައްކަތްކުރާ ގައިދީއަކާ އޮންނަ ގުޅުން ވަރަށް ޝައުގުވެރިކޮށް ކިޔައިދިން ފިލްމެކެވެ.

އަޖޭއާ އެކީ "ބޯލާ" ގެ ކާސްޓްގައި ތައްބޫ، ސަންޖޭ މިޝްރާ، ދީޕަކް ދޮބްރިޔާލް އަދި މަކްރަންދު ދޭޝްޕާންޑޭ ހިމެނެ އެވެ. މީގެ އިތުރުން މީގެ ހާއްސަ ފެނިލުންތަކުން އަބީޝެކް ބައްޗަނާއި ދެކުނުގެ މަޝްހޫރު ބަތަލާ އަމާލާ ޕޯލް ވެސް ފެންނާނެ އެވެ.

އަޖޭ ޑައިރެކްޓްކޮށް، ކުޅެ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރި އޭވިއޭޝަން ތުރިލާ "ރަންވޭ 34" އެވެ. އޭނަގެ ކުރީގެ ޑައިރެކްޝަންތަކަކީ "ޝިވާއޭ" އާއި "ޔޫ، މީ އޯރް ހަމް" އެވެ.

"ރަންވޭ 34" ގެ އިތުރުން މި އަހަރު ރިލީޒްވި އަޖޭގެ ފިލްމުތަކުގެ ތެރޭގައި "އާރްއާރްއާރް"، "ގަންގޫބާއީ ކަތިއަވާޅީ"، "ތޭންކް ގޯޑް" އަދި މިހާރު ވެސް ސިނަމާތަކުގައި ދައްކަމުން އަންނަ "ދުރިޝަމް 2" ހިމެނެ އެވެ. އަދި މާދަމާ ރިލީޒްކުރާ ރޯހިތުގެ ޝެޓީގެ "ސާކަސް" ގެ ކެމިއޯއަކުން އަޖޭ ފެންނާނެ އެވެ.