Last Updated: June 14, 17:57
Sunday, June 14, 2026
ޚަބަރު

ފްލައި ދުބާއީގެ ދަތުރާ ބެހޭ މައުލޫމާތު ދީފި

ރޭ އައްޑޫ ހައި ސްކޫލްގައި ބޭއްވި ސެޝަންގެ ތެރެއިން. ފޮޓޯ: އަހުމަދު އާއިޝް ނަސީރު/ އަައްޑޫ ލައިވް

އަންނަ އަހަރު ފްލައި ދުބާއީގެ ދަތުރުތައް އައްޑު އަށް ފަށާތީ އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް އައްޑޫގައި ބާއްވައިި އެވެ.

އައްޑޫ ހައި ސްކޫލްގައި ބޭއްވި އެ ސެޝަންގައި ފްލައި ދުބާއީގެ ރާއްޖޭގެ އޭޖެންޓް އޭސް ޓްރެވެލްސް އާއި ގަން އެއާޕޯޓްގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ އިސް ބޭފުޅުންތަކެއް ބައިވެރިވެވަޑައިގެންނެވި އެވެ. އެގޮތުން އޭސްގެ ފަރާތުން އެ ކުންފުނީގެ ވެރިޔާ މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) އާއި ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރުގެ އިތުރުން އައްޑޫ މޭޔަރު އަލީ ނިޒާރު ބައިވެރިވަޑައިގެންނެވި އެވެ.

ބައެއް ވިޔަފާވެރިންނާއި އާންމުން ބައިިވެރިވި އެ ސެޝަންގައި ފްލައި ދުބާއީގެ ދަތުރުތައް ރޭވިފައިވާ ގޮތާއި އޭގެ ސަބަބުން އައްޑު ލިބޭނެ ކުރިއެރުންތަކާއި ފަސޭހަތަކާއި އަދި ފްލައި ދުބާއީގެ ޝެޑިއުލް ދަތުރުތައް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފަށާތީ އެކަމާ ގުޅިގެން ވަމުން އަންނަ ތައްޔާރީތަކާ ބެހޭ ގޮތުން ވަރަށް ފުޅާކޮށް މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

ސެޝަންގައި ބައިވެރިވި މީހުން ކުރި ސުވާލުތަކަށް ސެޝަންގެ ޕެނެލުން ޖަވާބު ވެސް ދީފައިވެ އެވެ.

މީގެ އިތުރުން ސެޝަނަށް ދިޔަ މީހުންގެ މެދުގައި ގުރުއަތު ލައިގެން ރޭ ވަނީ ދުބާއީ ދެކޮޅު ދަތުރެއް ވެސް އެކަކަށް ދީފަ އެވެ. އެ ނަސީބުވެރިޔަކީ ފޭދޫ މޫސާ އަންވަރެވެ.

ފްލައި ދުބާއީގެ ދަތުރުތައް ގަމަށް ފަށަން ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ 4 ގަ އެވެ.

މި ދަތުރުތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް އިއްޔެ ރޭ ފުވައްމުލަކުގައި ވެސް ބާއްވާފައިވެ އެވެ.