އޭއެފްސީ ޗެލެންޖް ކަޕް ގްރޫޕް ބީގެ މެޗްތައް އައްޑޫ ސްޓޭޑިއަމްގައި މިއަދު ހަވީރު ފަށާއިރު ހުޅުމީދޫން މެޗް ބަލަން ހިތަދޫއަށް ދާން ބޭނުން މީހުންނަށް ދެވޭނެ އިންތިޒާމެއް ނެތިގެން އެކަމުގެ ޝަކުވާ ކުރަން ފަށައިފި އެވެ.
މީދޫން ވާހަކަ ދެއްކި ޒުވާނަކު ބުނީ މެޗް ބަލަން ދެވޭނެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް ޔޫތު މިނިސްޓަރ ވިދާޅުވުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު މެޗް ބަލަންދާން ޖެޓީގައި އެބަ ތިބިކަމަށެވެ.
އަދި އައްޑޫގެ ކަނޑާއި އެއްގަމުގެ ދަތުރު ފަތުރު ދިނުމަށް ހަވާލުވެފައިވާ އެމްވީކޭ ކުންފުންޏަށް ގުޅުމުން ދަތަރު އިންތިޒާމް ހަމަޖެހިފައި ނެތްކަމަށް ވަނީ ބުނެފައެވެ.
ޔޫތު މިނިސްޓަރ މަލީހް ޖަމާލް ވިދާޅުވީ މެޗް ބަލަންދާން ބޭނުންވާ ފަރާތްތަކަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްވީކޭ އާއި މަޝްވަރާ ކޮށްގެން އެ އިންތިޒާމް ހަމަޖައްސަވާނެކަމަށެވެ.
އައްޑޫގައި ކުޅޭ މެޗްތަކުގެ ޓިކެޓް އެސްޓިއޯއިން ގަނެ ރައްޔިތުންނަށް ބަހަން ފަށާފައިވާ އިރު ހުލުމީދޫގައި ހުންނަ އެސްޓިއޯ ފިހާރައިންވެސް ވަނީ ޓިކެޓް ބަހަން ފަށާފައެވެ.
އޭއެފްސީ ޗެލެންޖް ކަޕާއި ގުޅިގެން އައްޑޫއަށް ހާއްސަކޮށް ހުޅުމީދޫއަށް އެދެވޭ ކުރިއެރުމެެއް އައިސްފައި ނުވާކަމަށް ބުނެ ހުޅުދޫ ދާއިރާއަށް އަލަށް އިންތިހާބްވެ ވަޑައިގެންނެވި މުހައްމަދު ޝާހިދް (ޝާޑް) ވަނީ ޔޫތު މިނިސްޓަރ މުހައްމަދު މަލީހް އަށް ފާޑު ކިޔާފައެވެ.
މީދޫން ވާހަކަ ދެއްކި ޒުވާނާ ބުނީ ދަތުރުގެ ކަންކަމާއި ޔޫތު މިނިސްޓަރަށް މަލީހްއަށް ގުޅުމުން ފޯނު ނުނަންގަވާ ކަމަށެވެ.
މިއަދު ހަވީރު ލާއޯސް އަދި ތުރުކަމަނިސްތާން ކުޅޭ މެޗަށް ދެޓީމް އައްޑޫ ސްޓޭޑިއަމްއަށް ހާޒިރުވެފައިވާ އިރު ކުޑައިރުކޮޅެއްގެ ތެރޭގައި މެޗް ފެށިގެންދާނެއެވެ.