މި އަހަރުގެ ވޯލްޑް ކަޕްގެ ތަށި އުފުލާލި އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީގެ ތަސްވީރާ އެކީ އެ ގައުމުގައި ފައިސާގެ ނޫޓެއް ނެރެން ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މެސީގެ ތަސްވީރު ހިމަނައިގެން ނޫޓެއް ނެރުމުގެ ވިސްނުން، އާޖެންޓީނާގެ މަރުކަޒީ ބޭންކުން ވަރަށް ސީރިއަސްކޮށް ގެންގުޅެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ވެސް ކުރިއަށްދާ ކަމަށް މީޑިއާތަކުން ބުންޏެވެ.
ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ހިމެނޭ އަދި އެ ކުޅިވަރުގައި މިހާރުގެ އެންމެ ނުފޫޒު ގަދަ އެއް ތަރި ކަމަށްވާ 35 އަހަރުގެ މެސީގެ ތަސްވީރު ހިމަނައިގެން ސެންޓްރަލް ބޭންކް އޮފް ދަ ރިބަޕްލިކް އޮފް އާޖެންޓީނާ އިން ނެރޭނެ ކަމަށް ބެލެވެނީ 1،000 ޕެސޯގެ ނޫޓެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން މަރުކަޒީ ބޭންކުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
އެކަމަކު މެސީގެ ތަސްވީރާއި ގަތަރުގައި މި މަހުގެ 18 ގައި ނިންމާލި ވޯލްޑް ކަޕްގެ ތަށި އާޖެންޓީނާ އުފުލާލި މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ހިމަނައގެން ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި 1،000 ޕެސޯގެ ނޫޓް ހަދައި ދައުރުކުރަމުންނެވެ. އާޖެންޓީ ވޯލްޑް ކަޕްގެ ތަށި އުފުލައިލީ ފްރާންސާ ދެކޮޅަށް ކުޅެ 4-2 ލަނޑުންނެވެ.
އާޖެންޓީނާ އަކީ ވޯލްޑް ކަޕްގެ ކާމިޔާބީއާ ގުޅިގެން ކުރިން ހަނދާނީ ފައިސާފޮތި ނެރެފައިވާ ގައުމެކެވެ. އެއީ ތަށި އުފުލައިލި ފުރަތަމަ އަހަރު 1978 ގަ އެވެ. މި އަހަރުގެ ވޯލްޑް ކަޕަކީ އެ ގައުމު ވޯލްޑްގެ ޗެމްޕިއަންކަން ހޯދި ތިން ވަނަ ފަހަރެވެ.