Last Updated: April 25, 17:37
Thursday, April 25, 2024
ޚަބަރު

ފްލައި ދުބާއީ އަށް ގަން އެއާޕޯޓް ތައްޔާރީތަކުގައި

ރޭގެ ބައްދަލުވުމުގައި ގައިސް ވާހަކަ ދައްކަވަނީ. ފޮޓޯ: އަހުމަދު އާއިޝް ނަސީރު/ އައްޑޫ ލައިވް

ފްލައި ދުބާއީގެ ދަތުރުތައް އަންނަ އަހަރު އައްޑު އަށް ފަށާތީ އެކަމާ ގުޅޭ ގޮތުން ގިނަ ތައްޔާރީތަކެއް ވަމުން އަންނަ ކަމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުން ބުނެފި އެވެ.

މި ދަތުރުތަކާ ބެހޭ ގޮތުން މައުލޫމާތު ދޭން ރޭ އައްޑޫ ހައި ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު ވިދާޅުވީ ފްލައު ދުބާއީގެ ދަތުރުތަކަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރޭގައި ގަމަށް ގެނެވޭ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތަކަށް ހާއްސަ އެއާޕޯޓްގެ ކާގޯ ފްރޯޒެން ކެޕޭސިޓީ އިތުރުކުރުމާއި އެ އެއާލައިނަށް އިން-ފްލައިޓް ކޭޓަރިންގެ ހިދުމަތް ފޯރުކޮށް ދެވޭނެ އިންތިޒާމް ފަދަ ކަންކަން ހިމެނެ އެވެ.

އެގޮތުން މިހާރު ސައުތު ޕާމް ރިސޯޓާ އެކީ ކޭޓަރިންގެ ކަންތައްތައް ހަމަޖެއްސުމަށް ގާތްގަނޑަކަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ގައިސް ވިދާޅުވި އެވެ.

"އެ އެއާލައިނާ އަޅުގަނޑުމެންނާ އެކީ ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި އެކޮޅުން ބޭނުންވި އަޅުގަނޑުމެންނަށް އެ އިންތިޒާމު ހަމަޖައްސައި ދެވޭނެތޯ ބަލަން. އެގޮތުން ސައުތު ޕާމާ އެކީ މިހާރު އޮތީ ގާތްގަނޑަކަށް އެއްބަސްވުމަކަށް އާދެވިފައި." އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެއާޕޯޓްގައި ވަމުން އަންނަ ތައްޔާރީތަކުގެ ތެރޭގައި ކެފޭއަކާއި ފިހާރައެއް އެކުލެވޭ ގޮތަށް ޕްރައިވެޓް ލައުންޖެއްގެ މަަސައްކަތް ކުރިއަށްދާ ކަމަށް ވެސް ގަން އެއާޕޯޓުން ބުންޏެވެ.

ގައިސް ވިދާޅުވީ ފްލައި ދުބާއީ ކަހަލަ އެއާލައިނަކުން ގަމަށް ދަތުރު ފަށަން ނިންމުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެހެންވެ އެކަން ވަރަށް ޕޮޒިޓިވްކަމެއްގެ ގޮތުގައި ދެކި މިއީ ދެމެހެއްޓެނިވި ކަމަކަށް ހަދަން އެއާޕޯޓްގެ ފަރާތުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން މިހާރު ފްލައި ދުބާއީގައި އައްޑު އާއި ދެކުނުގެ ޓޫރިސްޓް ފެސިލިޓީތަކަށް ޗުއްޓީ އަށް އަންނަ ޓޫރިސްޓުންނަށް ގަމުން ފުވައްމުލަކާއި ހުވަދު އަތޮޅަށް ކަނެކްޓިވިޓީ ދެވޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް ގައިސް ވިދާޅުވި އެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި އެމްޓީސީސީ މެދުވެރިކޮށެވެ.

ފްލައި ދުބާއީގެ ދަތުރުތައް ގަމަށް ފަށަން ހަމަޖެހިފައި ވަނީ ފެބްރުއަރީ 4 ގަ އެވެ. އެއާލައިނުން ނިންމާފައި ވަނީ ހަފުތާގެ ހަ ދުވަހު އައްޑު އަށް ދަތުރުތައް ބާއްވާށެވެ. ދަތުރުތުތައް ފަށާތީ މިހާރު ޓިކެޓް ވިއްކަން ދެ އޭޖެންޓް އޮފީހެއް ވެސް ގާއިމުކޮށްފަ އެވެ. އެއީ ފޭދު އާއި ހިތަދޫގަ އެވެ.

ފްލައި ދުބާއީގެ ރާއްޖޭގެ އޭޖެންޓަކީ، އޭސް ޓްރެވެލްސް އެވެ.