ބޮލީވުޑްގެ ތަރި ސަލްމާން ޚާންގެ ބޮޑީގާޑް ޝޭރާގެ ދަރިފުޅު، އަބީރު ސިންގް (ޓައިގާ) ބޮލީވުޑަށް ނެރެން ސަލްމާން ޕްރޮޑިއުސްކުރާ ފިލްމަށް މިހާރު ޑައިރެކްޓަރަކު ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި އެ ފިލްމު ޑައިރެކްޓްކުރާނީ ކުޅަދާނަ އެކްޓަރު ސަތިޝް ކޯޝިކެވެ. އޭނަ އަކީ ސަލްމާންގެ 2003 ގެ ފިލްމު "ތެރޭ ނާމް" ގެ ޑައިރެކްޓަރެވެ. ޕިންކްވިލާ އިން ބުނި ގޮތުގައި ޓައިގާގެ ފިލްމުގެ ސްކްރިޕްޓް ވެސް ފައިނަލްކޮށްފައިވާ އިރު، މިހާރު އަންނަނީ ފިލްމަށް ބަތަލާ އަކު ހޯދަމުންނެވެ. އަދި ދެތިން ބަތަލާ އަކު ސަލްމާން ޝޯޓްލިސްޓް ވެސް ކޮށްފައިވެ އެވެ.
ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގައި ކަމަށް ވެސް ރިޕޯޓްތައް ބުނެފި އެވެ.
ސަލްމާންގެ ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަތާ އެތައް އަހަރެއްވީ ޝޭރާ ނުވަތަ އަސްލު ނަމުން ނަމަ ގުރުމީތު ޖޮލީ، 53، ގެ ދަރިފުޅު ޓައިގާ ބޮލީވުޑަށް ލޯންޗްކުރާނެކަން ސަލްމާން އިއުލާންކުރީ 2019 ގަ އެވެ. ޓައިގާ އަކީ ޝޭރާގެ ހަމައެކަނި ދަރި އެވެ.
ސަލްމާނަކީ ކުރިން ވެސް އޭނަގެ ގާތް ބައެއް މީހުންގެ ދަރިން ބޮލީވުޑަށް ނެރެފައިވ ތަރިއެކެވެ. އޭގެ ތެރޭގައި އެކްޓަރު ޝަތުރަގަން ސިންހާގެ ދަރިފުޅު ސޮނާކްޝީ ސިންހާ އާއި ސުނިލް ޝެޓީގެ ދަރިފުޅު އާތިޔާ ޝެޓީ އާއި އަދިތިޔާ ޕަންޗޯލީގެ ދަރިފުޅު ސޫރަޖް ޕަންޗޯލީ އާއި އެކްޓަރު/ޑައިރެކްޓަރު މަހޭޝް މަންޖްރޭކަރްގެ ދަރިފުޅު ސައީ މަންޖްރޭކަރާއި އެކްޓަރު މޯނިޝް ބޭލްގެ ދަރިފުޅު ޕްރަނޫޓާން ބޭލް ހިމެނެ އެވެ.
މީގެ އިތުރުން ޒަހީރު އިގްބާލާއި ޒަރީން ޚާން ފަދަ ފަންނާނުންނަކީ ވެސް ސަލްމާން ބޮލީވުށް ނެރުނު ފަންނާނުންނެވެ.