Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

މިއޮތީ "ޕަތާން" ގެ ދެވަނަ ލަވަ

އަންނަ މަހު ރިލީޒްކުރާ ޝާހްރުކް ޚާނާއި ދީޕިކާ ޕަދްކޯންގެ ފިލްމު "ޕަތާން" ގެ ފުރަތަމަ ލަވަ "ބޭޝަރަމް ރަންގް" ގެ ހޫނު ދިލަގަނޑުގެ ތެރޭގައި އަނެއްކާ ވެސް އެ ފިލްމުގެ އިތުރު ލަވައެއް އާންމުކޮށްފި އެވެ.

މި ފަހަރުގެ ލަވަ އަކީ "ޖޫމޭ ޖޯ ޕަތާން" އެވެ. "ބޭޝަރަމް ރަންގް" ގެ ވެސް މިއުޒިކް ހެދި ވިޝާލް-ޝޭކަރްގެ މިއުޒިކަށް ގެނެސްދިން ދެވަނަ ލަވައިގެ އަޑުގެ ވެރިންނަކީ އަރިޖިތު ސިންގް އާއި ސުކްރުތީ ކައްކަރުގެ އިތުރުން ލަވައިގެ ދެ މިއުޒިކް ޑައިރެކްޓަރުންނެވެ.

"ޖޫމޭ ޖޯ ޕަތާން" އަކީ ވެސް ވަރަށް ފޯރިގަދަ ނެށުންތަކެއް ފެނިގެންދާ އަދި ބޭރުގެ ހިތްގައިމު ލޮކޭޝަންތަކެއްގައި ވަރަށް ސްޓައިލިޝްކޮށް ގެނެސްދީފައިވާ ލަވައެކެވެ. "ބޭޝަރަމް ރަންގް" އާ އެއްގޮތަށް އާ ލަވައިގައި ވެސް ދީޕިކާ ފެންނަނީ ނިވާކަން ކުޑަ ކޮސްޓިއުމްތަކެއްގަ އެވެ.

"ބޭޝަމް ރަންގް" ގެ ލަވަ ބޮޑު މައްސަލަގަނޑަކަށްވި އެއް ސަބަބަކީ ވެސް އެއީ އެވެ. އެ ލަވައިގެ ބައެއް ކޮސްޓިއުމްތަކާއި ގައިގޯޅި މަންޒަރުތަކާ ހެދި އިންޑިއާގެ އެކި ހިސާބުތަކުގައި "ޕަތާން" އާ ދެކޮޅު ހަރަކާތްތައް އެކި ފަރާތްތަކުން ދަނީ ހިންގަމުންނެވެ. އަދި ބައެއް މީހުން ވަނީ ފިލްމު ސިނަމާތަކުގައި އަޅުވަން ހުރަސް އަޅައި ސިނަމާތަކުގައި ރޯކޮށްލާނެކަމުގެ އިންޒާރު ވެސް ދީފަ އެވެ.

އަންނަ މަހުގެ 25 ގައި ރިލީޒްކުރާ "ޕަތާން" އަކީ ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. މީގެ މައި ވިލަން އަކީ ޖޯން އަބްރަހަމެވެ.