Last Updated: June 12, 06:38
Friday, June 12, 2026
ރިޕޯޓް

އުފާވެރި ޗުއްޓީއަކަށް އެދެން

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއެކު ކޮންމެ ދަރިވަރަކުވެސް އެންމެ އިންތިޒާރުކުރާނީ އެކި ގޮތްގޮތުން ލިބޭ ޗުއްޓީތަކަށްކަން ޔަގީނެވެ. ކިޔެވުމުގެ ބުރަ ދުވަސްތަކުގައި އެ ކުދިންގެ ސިކުނޑިއަށް ލިބޭ ވަރުބަލިކަމާއި ހަށިގަނޑުގެ ލޮޑުކަން ކަނޑުވައިލުމަށް، ދިރިއުޅޭ މާހައުލުން ދުރަށް ޖެހިލުމަކީ އެ ކުދިންކުރާނެ އުންމީދެކެވެ. އެ ކުދިންގެ އެ އުންމީދުތައް ފުރިހަމަކޮށްދިނުމަށް ކޮންމެ ބެލެނިވެރިޔަކުވެސް ހުންނާނީ އަތުކުރި އޮޅާލައިގެންނެވެ.

ކިޔެވުމަށާއި އެކްސްޓްރާ ކްލާސްތަކާއި ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތަކުގެ އިތުރުން، އިތުރު ހަރަކާތްތަކުގައި ސްކޫލް ދުވަސްވަރު ދަރިވަރުންގެ ކޮންމެ ދުވަހަކީވެސް ވަަރަށް ބުރަ ދުވަހެކެވެ. އެހެންކަމުން ކޮންމެ އަހަރެއްގައިވެސް ލިބޭ ޗުއްޓީއަކީ ދަރިވަރުންނެކޭ އެއްފަދައިން ބެލެނިވެރިޔާވެސް އިންތިޒާރުކުރާ ދުވަސްތަކަކަށް ވާނެއެވެ.

ޗުއްޓީ ދުވަސްވަރުވެސް ބެލެނިވެރިއެއްގެ ހައިސިއްޔަތުން ބެލެނިވެރިން ވިސްނަންޖެހޭ ކަންކަން ހުންނާނެއެވެ. އުފާވެރި ޗުއްޓީއަކަށް އެދި އެކަކު އަނެކަކަށް ހެޔޮއެދުމާއި ތަހުނިޔާތައް ކިޔަމުން އުފަލާއެކު ޗުއްޓީއަށް ފުރަމުންދާއިރު ޗުއްޓީގެ އުފާވެރިކަން ދެމެހެއްޓޭނޭހެން ކަންކަން ރާވައިލާންވާނެއެވެ.

އެއީ ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. ދަރިންނަށް ލިބޭ ޗުއްޓީއަކަށްވާތީ ރައްޓެހިންނާއެކު މަގުމަތީގައި ނުވަތަ ހެނދުނު ހޭލީއްސުރެ ރޭގަނޑު ނިދުމާ ހަަމައަށް ކުއްޖާ ކުޅިވަރުގެ ތެރެއަށް ދޫކޮށްލުން ނުވަތަ ސައުވީސް ގަޑިއިރު ފޯނާ ޓެބްލެޓް ކުއްޖާގެ އަތަށް ދޫކޮށްލުމަކީ އެއީ އަދި އެންމެ ރަނގަޅުގޮތެއް ނޫނެވެ. އޭގެބަދަލުގައި އަޅުގަނޑުމެންނަށް ކުރެވޭނެ ރަނގަޅު ކަންކަން އެބަހުއްޓެވެ.

ނަމާދު ވަގުތު ޖެހިއްޖެކަން ދަރިންނަށް ހަނދާންކޮށް ދިނުން

ޗުއްޓީގެ ދުވަސްތަކުގައިވެސް ދީނީކަންކަމަށް ސަމާލުކަންދިނުމަށް ކުދިންނަށް ބާރުއަޅަންވާނެއެވެ. ކޮންމެ ނަމާދު ވަގުތެއް ޖެހުމާއެކު ބެލެނިވެރިން ކުދިން ގޮވައިގެން ނަމާދަށްއަރައި ނަމޫނާ ދައްކަމާ ހިނގާށެވެ. އޭރުން ޗުއްޓީގެ ދުވަސްތައް ނިމޭ އިރު ކުދިން ތިބޭނީ އެކަމަށް ހޭނިފައެވެ.

ހަމަ އެގޮތަށް ކޮންމެ ނަމާދަކަށްފަހު ޤުރުއާން ކިޔަވާލުމަށް ވަގުތުކޮޅެއް ހޭދަކުރުމާއި، ނަމާދުގައި ކިޔާ ދުއާތަކާއި، ޒިކުރުތައް ކުދިންނަށް ދަސްކޮށްދިނުމަށް ޗުއްޓީ ދުވަސްވަރު މަސައްކަތްކުރެވިދާނެއެވެ. ޗުއްޓީ ދުވަސްތަކުގައި ކުރަން މިއީ ވަރަށް ރަނގަޅު ކަމެކެވެ.

އާއިލީ ގުޅުން ދެމެހެއްޓުން

ޗުއްޓީ ތެރޭގައި ކުއްޖާ ހުރިހާ ވަގުތެއް ހޭދަކުރާނީ އާއިލާއާއެކުގައެވެ. އެ ދުވަސްތަކުގައި އާއިލާއާ އެކުގައި ކުއްޖާ ހިތްހަމަޖެހޭނެހެން ކަންތައްތައް ރާވާލެވިދާނެއެވެ. މިސާލަކަށް މޫދަށް ގޮސްލުމާއި، އާއިލާ މީހުންގެ ތެރޭގައި ބައެއްކަހަލަ ކުޅިވަރުތައްވެސް ރާވާލެވިދާނެއެވެ.

އެއްބަނޑުއެއްބަފާ ކުދިންނާ އެކުގައި ކުއްޖާ ހޭދަކުރާ ވަގުތުތައް އިތުރަށް އުފާވެރިކޮށްލުމަށް ކުއްޖާއަށް އެންމެ ކަމުދާ ކާއެއްޗެއްވެސް ތައްޔާރުކޮށްލެވިދާނެއެވެ. ޔަގީނުންވެސް އެކަން ވެގެންދާނީ ކުދިންނަށް ލިބޭ ހިތްހަމަޖެހުމަކަށެވެ.

ގޭތެރޭގައި ކުރާ ބައެއް މަސައްކަތްތައް ދަސްކޮށް ދިނުން

ގޭތެރޭގެ މަސައްކަތްތަކުގައި ކުދިން ބައިވެރިކޮށް ކުދިންގެ އުމުރާ ގުޅޭގޮތަށް މަސައްކަތްތައް ހަވާލުކޮށް ކަންކަން ދަސްކޮށްދިނުމަކީވެސް ޗުއްޓީ ދުވަސްވަރު ކުރެވިދާނެ ވަރަށް ރަނގަޅު ކަމެކެވެ. އެގޮތުން، އެނދު ތަންމަތިއެޅުން، ކުނިކަހައި ސާފުކުރުން، ކުދިންގެ އަންނައުނު ފަތްޖެހުން، އަންނައުނު ހިއްކަންއެޅުން ނުވަތަ އެކުދިންގެ ފޮތް ހަރުގަނޑު ތަރުތީބުކޮށްލުމާއި ބަދިގޭަގައި މަސައްކަތްކުރާ ވަގުތުތަކުގައި އަތް ގާތްކޮށްދިނުން ފަދަ ކަންކަން ކުދިން ލައްވައި ކުރުވިދާނެއެވެ.

އެކުގައި ހިނގާލަން ދިއުން ނުވަތަ ޕާކަށް ދިޔުން

މިއީ ވެސް ކުރަން ވަރަށް ރަނގަޅު ކަމެކެވެ. ކުއްޖާގެ ސިކުނޑިއަށް ލުޔެއް ދިނުމުގެ ގޮތުން ފަތިސް ނަމާދަށްފަހު ނުވަތަ ހަވީރުގެ ވަގުތުތަކުގައި ހިނގާލަން ނުވަތަ ޕާކަށް ނުވަތަ ކުޅިވަރުކުޅޭ ތަނަކަށް ގެންދެވިދާނެއެވެ. ނުވަތަ އެހެން ކުދިންނާއެކު ކުޅިވަރުކުޅުމަށް ކުދިންނަށް ފުރުސަތު ހޯދައިދެވިދާނެއެވެ. އެވަގުތުކޮޅު ވެގެންދާނީ ކުއްޖާއަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގެންދާނެ ވަގުތުކޮޅަކަށެވެ.

މި ހިމަނާލި ކަންކަމަކީ ޗުއްޓީ ތެރޭގައި ކުދިންލައްވައި ކުރުވަން ރަނގަޅު ކަންކަންކަމުގައި ވިޔަސް ސަމާލުކަންދޭންޖެހޭ ވަރަށް މުހިންމު ކަންކަން އަދިވެސް އެބަހުއްޓެވެ. މިސާލަކަށް، ބޮޑެތި މީހުންނަށް އިހުތިރާމްކުރުމާއި މަގުމަތީގެ އަދަބުތަކަށް އިހުތިރާމުކޮށް މުއާމަލަތުކުރުމުގެ ރީތިގޮތް ކުއްޖާއަށް ކިޔައިދިނުން ވަރަށް މުހިންމެވެ. އަދި އެއްކުއްޖަކު އަނެއް ކުއްޖަކަށް ބުލީ ނުކުރުމަށް ކުދިންނަށް ވިސްނައިދޭންވާނެއެވެ.

މިކަންކަމަށް ބާރުއަޅައި ނަސޭހަތްތެރިވާންވާނެއެވެ. އަދި ހަމަ އެހެެންމެ މީސްމީޑިއާގެ ވަސީލަތްތައް ކުދިން ބޭނުންކުރާއިރު ބެލެނިވެރިން އެކަމަށް ހާއްސަ ސަމާލުކަމެއްދީ ކުއްޖާ ރައްކާތެރިކުރުމަށް މަސައްކަތްކުރަންވާނެއެވެ. ގޭތެރޭގެ މާހައުލުންވެސް ކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭންވާނެއެވެ

މި ހުރިހާ ކަމެއް ހާސިލުކޮށް ޗުއްޓީއެއް ނިންމައިލާއިރު ކުއްޖާއަށާއި ބެލެނިވެރިޔާއަށް ހިތްހަމަޖެހުމާއި އުފާވެރިކަން އިހުސާސްވާނަމަ ޗުއްޓީގެ ބޭނުން ހެޔޮ ގޮތުގައި ކުރެވުނީ އެވެ.

އެޑިޓަރުގެ ނޯޓް: މިއީ ފުލުހުންގެ އާޓިކަލެކެވެ.