ޗައިނާގެ ކޮވިޑްގެ ހާލަތު ރަނގަވަމުން ނުދިއުމާއި އެ ގައުމުގެ ސަރުކާރުން މިހާރު ބަލީގެ އަސްލު ހާލަތު ފޮރުވަން މަސައްކަތްކުރާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަންބޮވުން ފާޅުކޮށްފި އެވެ.
އެތަނުގެ އެގްޒެކެޓިވް ޑިރެކްޓަރު މައިކަލް ޖޭ ރަޔަން ވިދާޅުވީ ޗައިނާގެ ވެރިރަށް، ބެއިޖިން އާއި އެ ނޫން ވެސް ގިނަ ސިޓީތަކުގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާ އިރު، ހާލަތު ގޯސްވާ މީހުންނާ އެކީ މިހާރު ހޮސްޕިޓަލްތަކުގެ އައިސީޔޫތައް ވެސް ފުރެމުންދާ ކަމަށެވެ. އެހެންވެ ޗައިނާ އަށް މިހާރު ކުރިމަތިވެފައި އޮތް ކޮވިޑްގެ 19 ވަނަ ރާޅާ އެކީ އެ ގައުމުގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ ވަރަށް ބޮޑުވާ ކަމަށް ވިދާޅުވި އެވެ.

ރަޔަން ވަނީ ޗައިނާގެ ރަސްމީ ފަރާތްތަކަށް ބަލީގެ މިހާރު ހާލަތު ހާމަކުރަން އެދިވަޑައިގެންފަ އެވެ. އެ ގައުމުގައި ބަލީގައި މަރުވާ މީހުން އިތުރުވަމުން ދިޔަ ނަމަވެސް އެފަދަ އެއްވެސް މައުލޫމާތެއް މިހާރު އާންމު ނުކޮށް، ހަގީގީ ހާލަތު ޗައިނާ އިން ފޮރުވަން އުޅޭތީ ރަޔަން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ވިދާޅުވެފަ އެވެ.
"އައިސީޔޫގައި ފަރުވާދޭ މީހުން ވަރަށް މަދު ކަމަށް އޮފިޝަލުންތަކެއް ވިދާޅުވި ނަމަވެސް، މައުލޫމާތު ލިބެނީ ބަލި މީހުންނާ އެކީ އައިސީޔޫތައް ފެރެމުންދާކަމުގެ ވާހަކަތައް،" ރަޔަން ވިދާޅުވި އެވެ. "ހަގީގަތަކީ ޗައިނާގައި ބަލި ނެތް ކަމަށް ދައްކަން އުޅުނަސް އެ ގައުމުގެ ހާލަތު ގޯސްވަމުންދާކަން. ކޮރޯނާވައިރަހުން އެއްކޮށް ސަލާމަތްވުމަކީ ވަރަށް އުނދަގޫ ވެސް ކަމެއް. އެހެންވެ އެބަޖެހޭ ވެކްސިނަށް ވެސް ބޮޑު އިސްކަމެއް ދޭން."
ޗައިނާގެ ހާލަތާ މެދު ޑަބްލިއުއެޗްއޯގެ ސެކްރެޓަރީ ޓެޑްރޯސް އަދޮނޮމް ވެސް މި ހަފުތާގައި ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ، އެ ގައުމުގެ ހާލަތު ސާފުކޮށް ދޭން ޖެހޭ ކަމަށެވެ.

ޗައިނާގައި ކޮވިޑްގެ ހާލަތު ގޯސްވާތީ މީގެ ދުވަސްތަކެއް ކުރިން ހަރުކަށި ފިޔަވަޅުތަކެއް ވެސް އެޅި އެވެ. އެކަމަކު އެކަމާ ދެކޮޅަށް އެތައް ބަޔަކު މުޒާހަރާކުރުމުން ފިޔަވަޅުތައް ވަނި އުވާލައިފަ އެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކޮވިޑަކީ ޗައިނާ 2019 ގައި އުފަންވި ބައްޔެކެވެ. އެގޮތުން 2020 ގައި މުޅި ދުނިޔެ އަށް ފެތުރު ބަލީގެ ހާއްޔަކީ ޗައިނާހެ ވޫހާން ކަމަށް ގިނަ ބަޔަކު ދެކެ އެވެ.