Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އެންސްޕާގެ ކުރީގެ ސީއީއޯގެ މައްސަލަ ޕީޖީ އަށް

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝާން އޭޖެންސީ (އެންސްޕާ) ގެ ކުރީގެ ސީއީއޯ މުޖުތަބާ ޖަލީލުގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައި ދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެތަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުޖުތަބާގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމަން ފޮނުވީ އިއްޔެ ކަމަށެވެ. އޭނަ އަށް ދައުވާކުރަނީ އެންސްޕާގެ ބޭނުމަށް ކުއްޔަށް ހިފި ގެއެއްގެ ފުލޯތަކުގެ އިންޓީރިއާ ޑިޒައިންގެ މަސައްކަތް އުސޫލާ ޚިލާފަށް އަމިއްލަ ފަރާތަކާ ހަވާލުކުރި މައްސަލައެއްގަ އެވެ.

އޭސީސީން ބުނީ އެންސްޕާ މީގެ ހަތް އަހަރު ކުރިން 2015 ގައި ކުއްޔަށް ހިފި ގޭގެ ބައެއް ފަންގިފިލާތަކުގެ އިންޓީރިއާ ޑިޒައިންގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމުގެ ހުއްދައަށް އެދި މުޖުތަބާ ސޮއިކުރައްވައި ފިނޭންސަށް ސިޓީއެއް ފޮނުއްވި އިރު އެ ސިޓީއާ އެކު ކޯޓޭޝަންތަކެއް ފޮނުއްވި ކަމަށެވެ. އަދި އެ ކޯޓޭޝަންތައް ހުށަހެޅި ކުންފުނިތަކަކީ އެއް ކުންފުނި އަނެއް ކުންފުންޏާ ގުޅިފައި ހުރި އަދި މުޖުތަބާއާ ވެސް ގުޅުން އޮތް ކުންފުނިތަކެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އެ މައްސަލާގައި އޭސީސީން އެދިފައި ވަނީ މުޖުތަބާގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައި ދިނުމުގެ ކުށުގެ ދައުވާ އާއި ޤާނޫނުލް ޢުޤޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަމަހަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެންނުޖެހޭ ފަރާތަކަށް މަންފާ ހޯދައި ދިނުމުގެ ކުށުގެ ދައުވާ އެވެ.

މުޖުތަބާ އަކީ މިހާރު މާލެ ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އެވެ.