އަންނަ މަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާދަކުރައްވާތީ އެ މަނިކުފާނަށް ތާއީދު ހޯދުމުގެ ގޮތުން ފޯމް ފުރަން ފަށައިފި އެވެ.
މި މަސައްކަތުގައި ރައީސަށް ތާއީދުކުރައްވާ މަޖިލިސް މެމްބަރުންނާއި މިނިސްޓަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެގޮތުން މާލެ އާއި އަތޮޅު ތެރޭގައި ރައީސް ސޯލިހުގެ ތާއީދު ފޯމް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 28 ގަ އެވެ. އޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާދަކުރައްވަ އެވެ. އެގޮތުން ނަޝީދަށް ތާއީދު ފޯމް ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާނެކަން ރައީސް އިއުލާންކުރެއްވީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ރައީސަށް ސަޕޯޓްކުރާ އެމްޑީޕީގެ މެމްބަރުން ބުނާ ގޮތުގައި އެ މަނިކުފާނު ޕްރައިމަރީ ކާމިޔާބުކުރައްވާނެ އެވެ. އަދި ވެރިކަމުގެ ދެވަނަ ދައުރެއް ވެސް ހޯއްދަވާނެކަމުގެ ޔަގީންކަން ބޮޑެވެ.