ކުރިން ވެސް އެކީގައި ފިލްމުތަކެއް ކުޅެފައިވާ ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ދަރުމެންދުރާ އާއި ޑިމްޕަލް ކަޕާޑިއާ 31 އަހަރު ފަހުން އަލުން އެކީގައި މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި މި ދެ ތަރިން ސޮއިކޮށްފައި ވަނީ ޝާހިދު ކަޕޫރާއި ކްރިތީ ސެނަން މި މަހުގެ 15 ގައި ފެށިގެން ޝޫޓްކުރަމުން އަންނަ އަދި ނަން އިއުލާން ނުކުރާ ރޮމޭންޓިކް ކޮމެޑީއަށެވެ. "މިމީ" އާއި "ލުކާ ޗުއްޕީ" ފަދަ ފިލްމުތައް ގެނެސްދިން ލަކްޝްމަން އުޓޭރަކް ޑައިރެކްޓްކުރާ އެ ފިލްމަކީ ރޮބޮޓިކް ތީމަކަށް ހަދާ އެއްޗެކެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާ ފިލްމުގެ ޝޫޓިން ރާޖަސްތާނުގައި ކުރިއަށްދާ އިރު، އޭގެ ދެވަނަ ޝެޑިއުލް ނިއު ދިއްލީ ނުވަތަ ޗަންދީގަޅްގައި ފަށާ އިރު، ދަރޭ އާއި ޑިމްޕަލް ކާސްޓާއި ކްރޫއާ ގުޅޭނެ އެވެ.
ޑިމްޕަލް، 65، ކުރިން ލޯބީގެ ގުޅުމެއް ބޭއްވި އެކްޓަރު ސަނީ ޑިއޯލްގެ ބައްޕަ ދަރޭއާ އެކީ އެންމެ ފަހުން މަސައްކަތްކުރީ 1991 "ދުޝްމަން ދޭވްތާ" ގަ އެވެ. އެ ދެ ތަރިން ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި 1988 ގެ "ސާޒިޝް" އާއި އެ އަހަރުގެ "ގަންގާ ތޭރޭ ދޭޝް މޭ" އާއި 1989 ގެ "ބަޓްވާރާ" ހިމެނެ އެވެ.
ދަރޭ، 87، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އާއި އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާގެ "އެއްކީސް" ހިމެނެ އެވެ.