Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ވިޝާލްގެ "އޯމްކާރާ" އަލުން ހަދަނީ

ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް މީގެ 16 އަހަރު ކުރިން ގެނެސްދިން ކާމިޔާބު ކްރައިމް ޑްރާމާ "އޯމްކާރާ" ގެ ރިމޭކެއް ހަދަން ނިންމައިފި އެވެ.

އެ ފިލްމު ހަދަން ނިންމީ އެ އުފެއްދި ޕްރޮޑަކްޝަން ހައުސް، އިރޯސް އިންޓަނޭޝަލް އާއި ޕްރޮޑިއުސަރު އާނަންދު ޕަންޑިތު ގުޅިގެންނެވެ.

ދެހާސް ހައެއްގައި ރިލީޒްކުރި "އޯމްކާރާ" އަކީ މަޝްހޫރު އަދީބު ޝޭކްސްޕެއާގެ ވާހަކަ "އޯތެއްލޯ" އަށް ބިނާކޮށް ހެދި ފިލްމެކެވެ. މީގެ ކާސްޓުންނަކީ އަޖޭ ދޭވްގަން، ސައިފް އަލީ ޚާން، ކަރީނާ ކަޕޫރް، ވިވެކް އޮބެރޯއީ، ބިޕާޝާ ބާސޫ، ނަސީރުއްދީން ޝާހް އަދި ކޮންކޮނާ ސެން ޝަރުމާ އެވެ. "އޯމްކާރާ" އަކީ އެ ރިލީޒްކުރި ދުވަސްވަރު އޭގެ ބައެއް ލަވަތައް ވެސް ވަރަށް މަޝްހޫރުވި ފިލްމެކެވެ. އޭގެ ތެރޭގައި "ބީޅީ ޖަލައިލޭ" އާއި "ނަމަކު އިޝްކް ކާ" ހިމެނެ އެވެ.

ތިން ނެޝަނަލް އެވޯޑާއި ފިލްމުފެއާގެ ނުވަ އެވޯޑް ހޯދި އަދި ބޭރުގެ ބައެއް ފެސްޓިވަލްތަކުގައި ވެސް ދައްކައިގެން ކްރިޓިކުންގެ ތައުރީފު އޮހުނު "އޯމްކާރާ" ގެ ރިމޭކެއް ހަދަން ނިންމި ނަމަވެސް އެ ޑައިރެކްޓްކުރާނެ މީހަކާއި ކާސްޓުން އަދި އިއުލާނެއް ނުކުރެ އެވެ. އެ ފިލްމުގެ ޑައިރެކްޓަރު ވިޝާލް މިހާރު އަންނަ އަހަރުގެ ކުރީކޮޅު ސްޕައި ތުރިލާ "ކޫފިޔާ" ގެނެސްދޭން ތައްޔާރުވަމުންނެވެ.