އައްޑޫ ގަން ބައިނަލްއަޤްވާމީ ޗާޓުތަކުން ދައްކައި ސީދާ ގަމަށް ދަތުރު ކުރެވޭނެކަން ހާމަ ކުރީ ސްރީލަންކަން ގެ ދަތުރުތަކާއި އެކުއެވެ. އޭރުވެސް ދަތުރުތަށް ފެށުމުގެ އެންމެ ބޮޑު އަމާޒަކަށް ވެގެން ދިޔައީ ދެމެހެއްޓެނިވި ގޮތަކަށް ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އައްޑޫސިޓީގައި ޓޫރިސްޓު އެނދުތައް މަދެވެ. ނަމަވެސް ދެކުނުގެ ތިން އަތޮޅު ގުޅުވައިލުމާއި އެކު ފަތުރުވެރިން ދެމެހެއްޓެނިވި ގޮތެއްގައި ގެނެވޭނެއެވެ. މިއާއެކު މިހާރު އެންމެ ގަދަޔަށް ދެެކެވޭ އެއް ވާހަކަ އަކީ އަންނަ އަހަރު ފެބްރުއަރީ 4 ވަނަ ދުވަހުން ފެށިގެން ފްލައި ދުބާޢީ އައްޑޫއަށް ޑެއިލީ ފްލައިޓްސްތަށް ފަށާ ވާހަކައެވެ.
މިކަމަށް އިންތިޒާމު ހަމަޖެއްސުމަށް އޭސް އެވިއޭޝަން އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ދެކުނުގެ ދެ ސިޓީ ކައުންސިލާއި ރަށު އަތޮޅު ކައުންސިލުތަކުންވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަމާޒަކީ ދެމެހެއްޓެނި ގޮތެއްގައި ނުހުއްޓި ފްލައިޓުތައް ކުރިއަށް ގެންދިއުމެވެ. މިކަމަށްޓަކައި ވިޔަފާރިތަކާއި އާންމު ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ މަސައްކަތް ދެކުނުގެ އަތޮޅުތަކުގައި ވަނީ ކޮށްފައެވެ. މިގޮތުން ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށްވެސް މިދަތުރު ފެށުމާއި އެކު ގަމާއި ހިސާބަށް ގިނަވެގެން 18 ގަޑިއިރު ތެރޭ އާދެވޭނެ ކަމަށް އޭސް އެވިއޭޝަނުން ހާމަކުރެއެވެ.
ކަނެކްޝަން ދެވުމާއި މެދު ގިނަ ބައެއްގެ ކަންބޮޑުވުން
މީގެ ތެރެއިން އައްޑޫގައި 21 ވަނަ ދުވަހު ރޭގަނޑު ބޭއްވި ބައްދަލުވުމުގައި އެންމެ ގިނަ ފަރާތްތަކަށް ސުވާލު އުފެއްދި އެއް ކަމަކީ ޑޮމެސްޓިކް ޓްރާންސްޕޯޓާއި މެދުއެވެ. މިއީ ސަބަބުތަކެއް ނެތި އުފެދޭ ސުވާލެއް ނޫނެވެ. ގަމަށް ސްރީލަންކަން ދަތުރުކުރާތާ މިވަނީ 6 އަހަރު ވެފައެވެ. ނަމަވެސް މި އަތޮޅުތަކާއި ކަނެކްޓިވިީ ދެމެހެއްޓެނިވި ގޮތެއްގައި އެކަށީގެންވާ ގޮތަށް އެއްވެސް ބަޔަކަށް މިހާތަނަށް ފޯރުކޮށްދެވިފައި ނެތެވެ. ނަމަވެސް ފްލައި ދުބާއީއަށް ކަނެކްޝަން ދިނުމަށް ޤައުމީ އެއާލައިނުން މިހާރު މިވަނީ ޔަޤީކަން ދީފައެވެ.
މަންތާ އެއާއިން ކަނެކްޝަން ދިނުމަށް ދަތުރަތަށް ފެށި ނަމަވެސް މަންތާއިން ވެސް ދަތުރުތަށް ހުއްޓާލަން ޖެހުނީއެވެ. މީކަމުގައި ތަފާތު ސަބަބުތަކެއް ހުރި ނަމަވެސް ދެމެހެއްޓެނި ގޮތަކަށް މިކަން ނުކުރެވުމަކީ އާޙިރު ނަތީޖާއެވެ.

މިކަމާއި ގުޅިގެން އައްޑޫގައި ބޭއްވި ބައްދަލުވުމުގައި އާންމުންގެ ފަރާތުން އައި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސް އެވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރ
މުހައްމަދު ފިރާޤް ވިދާޅުވީ، ސްރީލަންކަންގެ ދަތުރުތަށް ފެށިގެން މިހާތަނަށް އައިއިރު ފްލައި ދުބާއީއަށް ކަނެކްޝަން ދޭން ހަމަޖެހިފައިވާ މޯލްޑިވިއަންއަށް އެންމެ ފަސެންޖަރަކަށްވެސް މިވީ ދުވަސްތަކުގެ ތެރޭ ކަނެކްޝަން ދެވިފައި ނެތް ކަމަށެވެ. ނަމަވެސް މޯލްޑިވިއަން އިން މިފަހަރު ހުވަދޫއަށް ގިނަ ވެގެން 4 ގަޑިއިރު ތެރޭ ކަނެކްޝަން ދޭން ހަމަޖެހިފައިވާ ކަން ފިރާގު ހާމަކުރެއްވިއެވެ.
ކަނެކްޝަން ދިނުމަށް މިފަހަރު އެޕްރޯޗު ތަފާތު
ފިރާޤު ވިދާޅުވީ، މީގެ ކުރީން ކަނެކްޝަން ދިނުމަށް އެ ފަރާތުން އަމިއްލައަށް މަސައްކަތްކޮށް އެއާލައިންތަކާއި މަޝްވަރާ ކުރެވުނު ކަމަށެވެ. ނަމަވެސް މިކަން ސްރީލަންކަންގެ ތަޖުރިބާއާއި އެކު މިފަހަރު ކަނެކްޝަން ދިނުމަށް ޙިޔާރު ކުރި މަގު ތަފާތު ކަމަށް އޭނާ ހާމަކުރިއެވެ. އޭނާ ވިދާޅުވީ މިފަހަރު ކަނެކްޝަން ދިނުމަށް ވަކި ފަރާތެއް ހަމަޖެއްސުމަށް ވަކި އޭއަރލައިނެއް އެ ބޭފުޅުން ޙިޔާރު ނުކުރައްވާ ކަމަށެވެ.
މިފަހަރު ކަނެކްޝަން ދޭން މޯލްޑިވިއަން ހަމަ ޖެހުނު ސަބަބު ހާމަކޮށް އޭނާ ވިދާޅުވީ، ހުވަދޫގެ ރިސޯޓުތަކަށް ފަތުރުވެރިން އުފުއްލައި ދިނުމަށް ޓުއަރ އޮޕަރޭޓަރުންނާއި ރިސޯޓުތަކުން އެގްރިމެންޓް ސީދާ މިފަހަރު ހަދާފައިވަނީ މޯލްޑިވިއަންއާއި އެކު ކަމަށެވެ. އެހެން ކަމުން މޯލްޑިވިއަންއިން އެ ފަރާތްތަކާއި އެކު ވެވިފައިވާ އެއްބަސްވުމުގެ ދަށުން އެކަން ކުރާނެ ކަމަށް ވިދާޅުވިއެވެ.

މީގެ ކުރީން އައްޑޫލައިވްއާއި ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އައިޝަތު ޖެނިފަރ ވިދާޅުވީ، ފްލައި ދުބާޢީ ދަތުރުތަކަށް މޯލްޑިވިއަން ތައްޔާރަށް އޮތް ކަމަށެވެ. އެގޮތުން އެކުންފުނިން މިހާރު ގެންނަ އޭޓީއާރާއި އެކޮށް ދަތުރު ކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެ މި ކަނެކްޝަން ދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
މޯލްޑިވިއަންގެ އިތުރުން ދެކުނުގެ ކަނެކްޝަން ދެން ދިނުމަށް ހަމަޖެހިފައިވަނީ އާރްޓީއެލް ފެރީ ނިޒާމުގެ ތެރެއިންނެވެ. މިއީ އެމްޓީސީސީގެ އެހީ ތެރިކަމާއި އެކު އައްޑޫއިން ފުވައްމުލަކާއި ގުޅުވައި ދޭ ނިޒާމެކެވެ. މިއާއެކު ދެކުނު ތިން އަތޮޅު ދަތުރުފަތުރުގެ ވަރުގަދަ ވިއުގާއަކުން ގުޅާލެވިގެން ދާނެއެވެ.
ފިރާޤު ހާމަކުރެއްވި ގޮތުގައި ފްލައި ދުބާއީ ދަތުރުތަށް މިހާރު ފަށާއިރު ފުރަތަމަ ފްލައިޓު ފުލްވާނެ ކަމަށް ނުބަލާ ކަމަށެވެ. ނަމަވެސް އެންމެ ބޮޑަށް ބަލަނީ ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވޭތޯ ކަމަށާއި މިހާރުވެސް ޝެޑިއުލިންއަށް ބަލާއިރު އަންނަ އަހަރުގެ ނޮވެމްބަރާއި ހިސާބަށް ދަތުރު ރޭވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިގޮތަށް ކުރިއަށްދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދަތުރުތަކަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުވެސް ވަރަށް ބޮޑަށް ތައްޔާރު ވެފައިވާ ކަން ވަނީ ހާމަކޮށްފައެވެ. އަދި ކައުންސިލުންވެސް އައްޑޫގައި ޓުއަރިސްޓް ބީޗު ހަދައި މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ގިނަ މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުންވަނީ ހާމަކޮށްފައެވެ.