Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ބިން ހިއްކަން އައްޑު އަށް ސާމާނު ގެެނެސްފި

އައްޑޫގެ ބިން ހިއްކާ ވެން އޫޑު ކުންފުނީގެ ސާމާނު އައްޑޫއަށް ގެނެސްފި / ފޮޓޯ: ހިތަދޫ ޕޯޓް ލިމިޓެޑް

އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރާ ނެދަލޭންޑްސް ވެން އޫޑު ކުންފުނީގެ ސާމާނު އައްޑު އަށް ގެނެސްފި އެވެ.

އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ވެން އޫޑު ކުންފުނިން ގެނެސްފައި ވަނީ އެޗްސީ މެލިނާ ކިޔާ ބޯޓެއްގަ އެވެ. އިެ އެހެނިހެން ސާމާނު ގެނެސްފައިވާކަން ހިތަދޫ ޕޯޓް ލިމިޓެޑުން ވެސް ބުނެފައިވެ އެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ހިތަދޫ ޕޯޓުގެ އުތުރުން ސަރަހައްދަކާއި ދެކުނުން ސަރަހައްދެއް ހިއްކާނެ އެވެ. އަދި މީގެ އިތުރުން މަރަދު އާއި މަރަދޫފޭދޫގެ ހުޅަނގުން ބިން ހިއްކާނެ އެވެ. މީގެ އިތުރުން ރިސޯޓު ތަރައްޤީ ކުރުމަށް އައްޑޫގެ ފަޅުތެރެއިން އިތުރު ތިން ރަށެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަ ށްވެސް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.

ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭ ގޮތުން އައްޑޫގައި ހުންނަވާ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ކުރީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ވެން އޫޑް ކުންފުނިން ފުރަތަމަ ކުރާނީ ހިއްކާ ސަރަހައްދުގެ ބައުންޑަރީ ވޯލް ޖެހުމުގެ މަސައްކަތް ކަަމަށެވެ. އަދި އޭގެ ފަހުން އަންނަ އަހަރު މާޗް މަހުގެ ތެރޭ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާނެ ކަމށް ވިދާޅުވި އެވެ.

ބިން ހިއްކުމުގެ 150 އަހަރުގެ ތަޖުރިބާ ހުރި ވެން އޫޑްއާ އައްޑޫ ބިން ހިއްކަން ހަވާލުކުރީ މި އަހަރުގެ މާޗް މަހުގެ 27 ގަ އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މަޝްރޫއެކެވެ.

އައްޑޫގެ ބިން ހިއްކުމާ ގުޅޭ މުހިއްމު ބައެއް ކަންކަން:

* ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކާނެ
* ޖުމްލަ 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެ
* ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކާނެ
* ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާނެ
* ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ ހޭދަވާނެ
* މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމާނެ

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ކުރިއަށް އޮތް 50 އަހަރަށް އައްޑު އަށް ބިމުގެ ދަތިކަން ހައްލުވާނެ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.