ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗަށްފަހު ތުރުކީ އަށް ނިސްބަތްވާ މަޝްހޫރު ޝެފް، ސޯލްޓް ބޭ އަށް ދަނޑު މައްޗަށް އެރުނު ގޮތް ބަލަން ފީފާ އިން ފަށައިފި އެވެ.
ޕެނަލްޓީގައި ފްރާންސް ބަލިކޮށް އާޖެންޓީނާ އިން ޗެމްޕިއަންކަން ހޯދި މެޗަށްފަހު ސޯލްޓް ބޭ ވަނީ ދަނޑަށް އަރައި ފީފާގެ ޕްރޮޓޮކޯލްއާ ހިލާފަށް ވޯލްޑް ކަޕް ޓްރޮފީ އުފުލާލައި، އުފާފާޅުކުރުންތަކުގައި ބައިވެރިވެފަ އެވެ. ފީފާގެ ޕްރޮޓޮކޯލްގައިވާ ގޮތުން ވޯލްޑް ކަޕް ތަށީގައި އަތްލެވެނީ މުބާރާތް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއަކަށް ނޫނީ ގައުމުތަކުގެ ވެރިންނާއި ފީފާގެ އޮފިޝަލުންނަށެވެ.
ނަމަވެސް ސޯލްޓް ބޭ ވަނީ މެޗަށްފަހު ދަނޑު މައްޗަށް އަރައި އާޖެންޓީނާ ކުޅުންތެރިންނާއެކު ތަށި ހިފައިގެން ހުރެ ފޮޓޯތައް ނަގާފަ އެވެ. އެ ފޮޓޯތައް ސޯލްޓް ބޭ ވަނީ އޭނާގެ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އާންމުކޮށްފަ އެވެ.
އެކަމާ ގުޅިގެން އޭނާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު ފީފާ އިން ބުނީ ފައިނަލް މެޗަށްފަހު ދަނޑަށް އަރަން ހުއްދަ ދީފައި ނުވާ ބައެއް ފަރާތްތަކަށް ދަނޑު މައްޗަށް އެރުނު ގޮތް ބަލަމުންދާ ކަމަށެވެ. އަދި އެކަން ބެލުމަށްފަހު އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށްވެސް ފީފާ އިން ބުނެފައިވެ އެވެ.
ސޯލްޓް ބޭ އަކީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ. އެގޮތުން މިފަހަރުގެ ވޯލްޑް ކަޕްގައި އިންފަންޓީނޯއާއެކު ނަގާފައިވާ ފޮޓޯތައް ސޯލްޓް ބޭ އާންމުކުރިއިރު ވީއައިޕީގައި ވޯލްޑް ކަޕްގެ ބައެއް މެޗުތައް ބެލުމުގެ ފުރުސަތު ވެސް ސޯލްޓް ބޭ އަށް ދީފައިވެ އެވެ.