މީގެ ދެ އަހަރު ކުރިން ބޮލީވުޑްގެ ތަރި ސުޝާންތު ސިންގް ރާޖްޕޫތު ދަންޖެހިގެން މަރުވި ހާދިސާގެ ފަހުން، އޭނަ ވެސް އެ އިންޑަސްޓްރީ ދޫކޮށްލަން ބޭނުންވި ކަމަށް އެކްޓަރު އަމިތު ސާތު ބުނެފި އެވެ.
ސުޝާންތުގެ ފުރަތަމަ ބޮލީވުޑް ފިލްމު 2013 ގެ "ކައި ޕޯ ޗޭ" ގައި ރޯލެއް ކުޅުނު 39 އަހަރުގެ އެކްޓަރު އިންޑިއާގެ ލިޔުންތެރިޔާ ޗޭތަން ބަގަތު އަށް ދިން އިންޓަވިއުއެއްގައި ބުނީ ބޮލީވުޑަކީ މަސައްކަތްކުރަން އުނދަގޫ އިންޑަސްޓްރީއެއް ކަމަށެވެ. އަދި އޭގެ ސަބަބުން ކުރިމަތިވާ އުނދަގޫ ކަންތައްތަކާއި ޕްރެޝަރުތަކާއި ދިމާވާ މީސްމީހުންނާއި އެ ނޫން ވެސް އެތައް ކަމެއްގެ ސަބަބުން މީހާގެ ނަފުސާނީ ގޮތުން ބަލިކަށިވާ ކަމަށް އަމިތު ބުންޏެވެ.
އޭނަ ބުނީ ސުޝާންތު އަމިއްލަ އަށް މަރުވުމަކީ އެފަދަ އެތައް ވޭނެއްގެ ތެރޭގައި އުޅެން އެންމެ ފަހުން ކެތްނުވެގެން ނިންމުމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"ޚުދު އަހަންނަށް ވެސް މި ބުނި ކަހަލަ އެތައް ކަމަކާ ކުރިމަތިވި. އެހެންވެ ވަރަށް ބޮޑަށް ވިސްނިން ސުޝާންތުގެ މަރަށް ފަހު ބޮލީވުޑް ދޫކޮށްލަން،" އާންމުކޮށް ފިލްމުތަކާއި ސަޕޯޓިން ރޯލުތައް ކުޅޭ އަމިތު ބުންޏެވެ. "އަހަރެން ގަބޫލުކުރާ ގޮތުގައި މީހަކު އަމިއްލަ އަށް މަރުވާން ނިންމާނީ ސޮސައިޓީގެ ތެރޭގައި ވެސް ހުރި މައްސަލަތަކާ ހެދިއޭ. ކުރިމަތިލާން ޖެހިފައިވާ އަނދިރި އެތައް ކަންތައްތަކާ ހެދިއޭ."
އޭނަ ބުނިގޮތުގައި ބޮލީވުޑްގައި މަސައްކަތްކުރެވޭނީ ވަރަށް ބޮޑު ހިތްވަރެއް ހުރެގެންނެވެ. އެކަމަކު ބައެއް ހާލަތްތަކުގައި ދިމާވާ ކަންކަމާ ހެދި ހިތްވަރު މަރުވާ އެތައް ދަނޑިވަޅެއް ވެސް ކުރިމަތިވާ ކަމަށް ބުންޏެވެ.
އަމިތު އެންމެ ފަހުން ފެނިފައިވާ ފިލްމަކީ ބަތަލާ ވިދިޔާ ބާލަންގެ 2020 ގެ "ޝަކުންތަލާ ދޭވީ" އިންނެވެ. އޭނަ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ސުޕަ 30"، "ގޯލްޑް"، "ސުލްތާން" އަދި "ސަރުކާރު 3" ހިމެނެ އެވެ.
"ބްރީތު" ފަދަ ވެބް ސީރީޒްތަކުގައި ވެސް މަސައްކަތްކޮށްފައިވާ އެކްޓަރު މި ހަފުތާގައި އަދި ނަން އިއުލާން ނުކުރާ އާ ފިލްމަކަށް ސޮއިކޮށްފައިވެ އެވެ. އަލަށް ޑައިރެކްޝަނަށް ނުކުތް ސަޗިން ސަރަފްގެ އެ ފިލްމުގެ ޝޫޓިން އިއްޔެ ވަނީ ފަށައިފަ އެވެ.