އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކަމުދަނީ އަހުލާގު ރަނގަޅު މީހެއް ކަމުން ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
މިފަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާ އަށް ހޯދައިދިނުމުގައި މެސީ މުހިއްމު ދައުރެއް އަދާކުރިއިރު މިއީ އޭނާގެ ކެރިއަރުގައި ހޯދި ފުރަތަމަ ވޯލްޑް ކަޕެވެ.
މިއަދު ދައުލަތުގެ މީޑިއާ އިން ގެނެސްދިން ޕްރޮގްރާމްގައި އާޖެންޓީނާ އަށް ސަޕޯޓް ކުރައްވާ ފައިސަލް ވިދާޅުވީ މެސީ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިއާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށާއި ގިނަ ބަޔަކަށް މެސީ ކަމުދަނީ ހަމައެކަނި ކުޅުމަށް މޮޅުވެގެން ނޫން ކަމަށެވެ.
"އެއަށް ވުރެ ބޮޑަށް ވަރަށް ޑިސިޕްލިން ދެއްތޯ. ރުޅި އައިސް ހުންނަ އިރަކު ނުފެނޭ. ކޮންމެ ފަދަ ކަމެއް ހިނގާ ވަގުތެއްގައި ވެސް ދަނޑުމަތިން އެއްގޮތަކަށް ވެސް ރުޅިވެރިކަމެއް ނުފެނޭ. ވަރަށް ކޮންސެންޓްރޭޓް ކުރައްވާ އިނގޭތޯ. ވަރަށް ތޫނުފިލި، ޕާސް ވެސް ހަމަ ބަރާބަރަށް މިސްއެއް ނުވާނެ. ބޯޅަ މިސްއެއް ނުވާނެ." މެސީ އަށް ތައުރީފް ކުރައްވަމުން ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ މިއީ އެންމެންނަށް ވެސް ލިބޭ އިބްރަތެއް ކަމަށާއި އެގޮތުން ކޮންމެ މަސައްކަތެއް ކުރާއިރު ވެސް ސަމާލުކަން ދިނުމާއި ރަނގަޅު އަހުލާގު ހަރުލައްވަންޖެހޭ ކަމަށެވެ.
"އަޅުގަނޑަށް ހަމަގައިމު ވެސް މެސީ އެންމެ ބޮޑަށް ކަމުދަނީ މެސީ ހަމަ ޑިސިޕްލިން، މެސީގެ އަހުލާގު. އަހުލާގު ރަނގަޅު މީހެއްގެ ގޮތުގައި ކުޅުމަށް ވުރެ ކުރިއަށް އެ އަޅުގަނޑު ޖައްސަނީ. ދެން އެއަށް ފަހު މޮޅު ކުޅުންތެރިއަކަށް ވެގެން ކަމުދަނީ." ފައިސަލް ވިދާޅުވި އެވެ.
ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު މިފަހަރު ހޯދީ މެސީ ކަމަށްވާއިރު އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހަތް ފަހަރެއްގެ މަތިން ހޯދާފަ އެވެ.