ބޮލީވުޑްގެ ތަރި އަނިލް ކަޕޫރް ފުރަތަމަ ކާފަދަރިފުޅާ އެކީ ނަގާފައިވާ ފޮޓޯއެއް ދަރިފުޅު ސޯނަމް ކަޕޫރް އާންމުކޮށްފި އެވެ.
މިއަދު ފާހަގަކުރާ އަނިލްގެ 66 ވަނަ ދުވަހުގެ ތަހުނިޔާ ކިޔަން ދޮށީ ދަރިފުޅު ސޯނަމް ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯގައި ފެންނަނީ އަނިލް ކާފަދަރިފުޅު ނަގައިގެން ކުއްޖާ އަށް ދިމާއަށް ވަރަށް އުފާވެ، ހިނިތުންވެގެން ހުންނަ ތަނެވެ.
ސޯނަމްގެ ޕޯސްޓްގައި ބައްޕަ އާއި އަންހެން ކޮއްކޮ ޕްރޮޑިއުސަރު ރިއާ ކަޕޫރާ އެކީ އެކި ދުވަސްވަރު ނަގާފައިވާ ފޮޓޯތަކެއް ވެސް ޕޯސްޓްކޮށް ބައްޕަ ދެކެ ވަރަށް ލޯބިވާ ކަމަށް ބުނެފައިވެ އެވެ. ސޯނަމާއި ވިޔަފާވެރިޔާ އާނަންދު އަހޫޖާ އަށް ދަރިއަކު ލިބުނީ މި އަހަރުގެ އޮގަސްޓް މަހުގެ 20 ގަ އެވެ.
ސޯނަމާއި ރިއާގެ އިތުރުން އަނިލްގެ ތިން ވަނަ ދަރިއަކީ އެކްޓަރު ހާޝްވަރުދަން ކަޕޫރެވެ. ރިއާ ވެސް މިދިޔަ އަހަރު ކައިވެނިކޮށްފައިވާ އިރު، ހާޝް އަދި ހުރީ ހުސްކޮށެވެ. މީގެ ދުވަސްކޮޅެއް ކުރިން ހާޝް ވެސް ސޯނަމްގެ ދަރިފުޅާ އެކީ ނަގާފައިވާ ފޮޓޯއެއް ސޯނަމް އާންމުކޮށްފައިވެ އެވެ.
އަނިލް އަށް މިއަދު 66 އަހަރު ފުރުނު ނަމަވެސް އޭނަ އަކީ ޒުވާން ކަމަށް ބަދަލެއް ނާންނަ އެކްޓަރެއްގެ ގޮތުގައި މަޝްހޫރު މީހެކެވެ.