މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަރުގެ ރައީސެއް ނެތް ކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.
ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި ތައްޔާރުކުރި އާ އޯޕީޑީ ނިންމައި ހުޅުވުމުގެ ތައްޔާރީތައްވަމުން އަންނާތީ އެކަމާ ގުޅުވައިގެން ރޮޒޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަދަ ކަންމަކީ ކޮވިޑާ އެކީ ވެސް ރައީސް ކޮށް ދެއްވާ ކަންކަން ބަލަން ބޭނުންވާ ބަޔަކަށް ފެންނަން ހުރި މަންޒަރުތައް ކަމަށެވެ.
"މިވަރުގެ ރައީސެއް ހަމަ ހަގީގަތުގައި ވެސް ނެތް." އޭނާ ވިދާޅުވި އެވެ.
ރޮޒޭ އަކީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތާއީދު ކުރައްވައި އަބަދު ވެސް ތައުރީފު ކުރައްވާ މެމްބަރެކެވެ. އެގޮތުން ރައީސަށް ވެރިކަމުގެ ދެވަނަ ދައުރެއް ހައްގުވާ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވެ އެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީ އަށް ރައީސް ވާދަކުރައްވާ އިރު، އެ މަނިކުފާނަށް ތާއީދު ފޯމް ހޯދުމުގެ މަސަައްކަތްތަކުގައި ވެސް ރޮޒޭ އަންނަނީ ވަރަށް އިސްކޮށް މަސައްކަތް ކުރައްވަމުންނެވެ. އަދި ރައީސްގެ ކެމްޕޭން މެނޭޖަރަކީ ރޮޒޭގެ ފިރިކަލުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒެވެ.