ޑައިރެކްޓަރު ސުބާޝް ގާއީގެ "ރާމް ލަކަން" ގައި ދެބޭންގެ ރޯލު ކުޅެގެން ސްކްރީންގައި އެ ނަންތަކުން ބޮޑު މަޝްހޫރު ކަމެއް ވެސް ލިބުނު އަނިލް ކަޕޫރާއި ޖެކީ ޝްރޮފް އަނެއްކާ ވެސް އެކީގައި މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގާތް އެކުވެރި ކަމެއް އޮންނަ ދެ އެކްޓަރު އެކީގައި ކުޅެން ހަމަޖެހިފައިވާ އާ ފިލްމަކީ ކޮމެޑީ ފިލްމު "ޗޯރު ޕޮލިސް" އެވެ. މިއީ ގާއީ ޕްރޮޑިއުސްކޮށް، ޑައިރެކްޓަރު އަނީސް ބަޒްމީ އާއި ޕައްޓޫ ޕަރޭކްގެ ސްކްރީންޕްލޭއަކަށް ހަދަން ނިންމާފައި ފިލްމެކެވެ.
މީޑިއާތަކުން ބުނި ގޮތުގައި ފެށޭ އަހަރުގެ ކުރީކޮޅު "ޗޯރް ޕޮލިސް" ރަސްމީކޮށް އިއުލާންކުރަން ވެސް ތައްޔާރީތައް ވަމުން އަންނަ އިރު، މީގެ ޑައިރެކްޓަރަކީ ރަވީ ޖާވަދް އެވެ. ފިލްމުގައި އަނިލް ކުޅޭނީ ވަގެއްގެ ރޯލެވެ. އަދި ޖެކީ ކުޅޭނީ ފުލުހެއްގެ ރޯލެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ދެ ތަރިންގެ އިތުރުން "ޗޯރް ޕޮލިސް" އުން ޒުވާން ކާސްޓެއް ވެސް ފެންނާނެ އެވެ. އަދި ކާސްޓުން ހަމަޖެއްސުމުގެ މަސައްކަތް ފިލްމުގެ ޓީމުން އަންނަނީ ކުރަމުންނެވެ.
ބަތަލާ ސޯނަމް ކަޕޫރްގެ ބައްޕަ އަނިލް، 66، އާއި ބަތަލު ޓައިގާ ޝްރޮފްގެ ބައްޕަ ޖެކީ، 65، އެކީގައި 13 ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެ.