Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ދެކުނުގެ 4 އަތޮޅު ވެސް ފެރީން ގުޅާލަނީ

ގއ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އަސްލަމް ވާހަކަ ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރުގެ މެދުތެރޭގައި ދެކުނުގެ ހަތަރު އަތޮޅު އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީގެ ނިޒާމުން ގުޅުވައިލެވޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ގދ. ދާންދޫ ބިން ހިއްކުން ނިމުން ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅުގެ އިތުރުން ޅ. އަތޮޅުގައި މިހާރު އާރްޓީއެލްގެ ޙިދުމަތް ފަށާފައިވާ އިތު ކޮންމެ ދުވަހަކު ފަސޭހަކަމާއ އެކީ ގަޑިންގަޑި އަށް އަގުހެޔޮކޮށް ދަތުރު ކުރަމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވެފައިވާ ކަމަށެވެ.

އެގޮތުން އެ އަތޮޅުތަކުގައި ހިދުމަތް ފެށި ފަހުން މި ވީ ހަތަރު ވަރަކަށް މަސް ކަމަށާއި ނަމަވެސް މިހާތަނަށް 70،000 ދަތުރުވެރިން އާރްޓީއެލްގެ ބޭނުން ހިފާފައިވާ ކަަމަށް ވިދާޅުވި އެވެ. އަދި މިއީ މީގެ ކުރީން ރާއްޖޭގައި ވެފައިވާ ކަންކަމެއް ނޫން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"ދެން އަޅުގަނޑު މިހާރު އެމްޓީސީއާ އެކު މަސައްކަތް ކުރަމުން މި ގެންދަނީ ދެކުނުގެ ހަތަރު އަތޮޅުގައ މި ފެށޭ އަހަރުގެ މެދާ ހަމައަށް ދާންވާ އިރަށް މި ހިދުމަތް ގާއިމު ކުރުމަށް." މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުރިހާ ކަމެއް ވެސް މި ކުރަނީ ރާއްޖެ ތަރައްޤީ ކުރުމުގެ ތަަައްވަރެއް އޮވެގެން ކަމަށާއި އަތޮޅުތައް ތަރައްގީވެ ހިދުމަތްތައް ދެވެން ޖެހޭ ކަމަށެވެ. އަދި ލާމަރުކަޒީ ސިޔާސަތާ އެކީ އަތޮޅުތަކުން ކަންކަން ވާން ޖެހޭ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ ހުރީ ވެސް އެ ވިސްނުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަކީ އެންމެ މުހިންމު އެއް ވައުދެވެ. މިކަން ކުރުމަށް އާރްޓީއެލް އުފައްދައި އެމްޓީސީސީގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއް އެ ނިޒާމުގެ ދަށުން ގުޅާލުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

އާރްޓީއެލްގައި ހިމެނެނީ ފެރީގެ އިތުރުން ބަހުގެ ހިދުމަތެވެ. އެގޮތުން ބަހުގެ ހިދުމަތް ދެކުނުގެ ބައެއް އަތޮޅުތަކުގައި މިހާރު ވެސް އަންނަނީ ދެމުންނެވެ. އޭގެ ތެރޭގައި އައްޑު އާއި ފުވައްމުލައް ވެސް ހިމެނެ އެވެ.