ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުމެން ފަދަ ބޭފުޅުންގެ ކިބައިން ރާއްޖެ ސަލާމަތްކުރަން މިހާރުގެ ޒުވާން ޖީލު ތެދުވަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ދެން ވެސް ބޭނުން ވަނީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ފަދަ ރާއްޖެ އަށް ހަމަޖެހުމުގެ އިތުރުން ތަފާތުގެ ހިޔާލުތަކަށް ފުރުސަތެއް ދޭ ވެރިކަމެއް ކަމަށާއި ރައީސަށް ދެވަނަ ދައުރެއް ހައްގުވާ ކަމަށް ވިދާޅުވެ ޝާހިދު ދެއްކެވި ވާހަތަކަކާ ގުޅިގެން ޝަހީމް ކުރެެއްވި ޓްވީޓެއްގައި ވަނީ ޝާހިދަކީ ތަފާތު ހިޔާލުތަކަށް ފުރުސަތެއް ދެއްވާ ބޭފުޅެއްތޯ ވެސް ސުވާލު އުފައްދަވައިފަ އެވެ.
އޭނަ ވިދާޅުވީ ރާއްޖެ އަށް ބޭނުން ވަނީ ޝާހިދުމެން ބޭފުޅުންގެ ކިބައިން ގައުމު ސަލާމަތްކުރާނެ ޒުވާން ޖީލެއް ކަމަށެވެ.
"ޝާހިދުމެންގެ ކިބައިން މި ގައުމު ސަލާމަތްކުރަން ޒުވާން ޖީލު ތެދުވަން ޖެހޭ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި 2013 ގެ އިންތިހާބަށް ނުކުމެވަޑައިގަތް ޝަހީމް ވިދާޅުވި އެވެ. "ސާޅީސް އަހަރުގެ ކޮރަޕްޝަން ނިމުމަކަށް ގެންނަން ޖެހޭ. ޒުވާން ތައުލީމީ ޖީލު މި މީހުންނާ ދެކޮޅަށް ތެދުވަން ޖެހޭ."
ރައީސް ޔާމީން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ އިރު، ޕީޕީއެމް/ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި ޝަހީމް މިހާރު ވެސް ގެންދަވަނީ ބައިވެރިވަޑައިގަންނަވަމުންނެވެ. އެގޮތުން ރޭ "ފެލާލައިފި" ގެ ނަމުގައި ބޭއްވި ޖަލްސާގައި އޭނަ ބައިވެރިވެވަޑައިގެންނެވި އެވެ.