ކުރިން މި މަހު ރިލީޒްކުރާ ގޮތަށް ޕްލޭންކުރި ނަމަވެސް މިހާރު އަންނަ އަހަރަށް ފަސްކޮށްފައިވާ ކެޓްރީނާ ކައިފާއި ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީގެ ފިލްމު "މެރީ ކްރިސްމަސް" ގެ ފަސްޓްލުކް ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.
މި ފިލްމަކީ 2018 ގެ "އަންދާދުން" އަށް ފަހު، ޑައިރެކްޓަރު ސްރީރާމް ރަގްވަން ގެނެސްދޭ ފުރަތަމަ ފިލްމެވެ. ތުރިލާތައް ހަދަން ކުޅަދާނަ ޑައިރެކްޓަރު ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި ވަރޫން ދަވަންގެ "ބަދުލާޕޫރް" އާއި ސައިފް އަލީ ޚާންގެ "އޭޖެންޓް ވިދޯނު" ގެ "އޭކް ހަސީނާ ތީ" ހިމެނެ އެވެ.
އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާއެކީ ހަދަން ނިންމާފައިވާ ބައޮގްރަފިކަލް ޑްރާމާ "އެއްކީސް" ހިމެނެ އެވެ.
ސްރީރާމްގެ "މެރީ ކްރިމަސް" އަކީ އޭނަގެ އާންމު ޖޯންރާ ކަމަށްވާ ތުރިލާއެކެވެ. ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ ފިލްމުގެ ފަސްޓްލުކް ޕޯސްޓަރު އާންމުކުރި ނަމަވެސް، ފިލްމު ރިލީޒްކުރާނެ ސީދާ ތާރީއެއް އަދިއެއް ނެތެވެ. އެކަމަކު ބެލުންތެރިންނަށް މި ފިލްމު ހިންދީ ބަހާއި ތަމަޅަ ބަހުން ގެނެސްދޭނެ ކަމަށް ބުނެފައިވެ އެވެ.
ކެޓްރީނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި ހޮރޯ-ކޮމެޑީ "ފޯން ބޫތު" އެވެ. "މެރީ ކްރިސްމަސް" ގެ އިތުރުން އަންނަ އަހަރު އޭނަ އާއި ސަލްމާން ޚާންގެ "ޓައިގާ 3" ވެސް ރިލީޒްކުރާނެ އެވެ. އެ ފިލްމު ތާވަލުކޮށްފައި އޮތީ ނޮވެމްބަރަށެވެ.