ފެނަކަ ކުންފުނީގެ ސްމާޓް މީޓަރުގެ ހިދުމަތް މިއަދު ތައާރަފްކޮށްފި އެވެ.
ގއ.މާމެންދޫގައި އިމާރާތް ކުރި އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ފެނަކަ އިން ބުނީ މި ހިދުމަތަކީ ރިއަލް ޓައިމްގައި ކަރަންޓް ބޭނުން ކުރެވެމުންދާ ގޮތާއި އޭގެ ތަފްސީލު މިނެޓުން މިނެޓަށް މިން ކުރެވި ފެންނަން ހުންނާނެ ޓެކްނޮލޮޖީއެއް ކަމަށެވެ. މި ހިދުމަތް މެދުވެރިކޮށް މޮބައިލް ފޯނުން އިތުރު ތަފްސީލުތައް ފަސޭހަކަމާއެކު ބަލާލެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށާއި އޭގެ ސަބަބުން އެމީހަކު ބޭނުންވާ މިންވަރެއްގައި ކަރަންޓް ބޭނުން ކުރެވޭ މިންވަރު އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބި، ކަރަންޓް އިސްރާފު ކުރުން މަދު ކުރެވޭނެ ކަމަށް ފެނަކަ އިން ބުނެ އެވެ.
ސްމާޓް މީޓަަރު މެދުވެރިކޮށް ބޭނުންވާ ތަފްސީލުތައް ހިދުމަތްދޭ ފަރާތުގެ ސިސްޓަމްތަކުގައި ވަގުތުން ވަގުތަށް ރެކޯޑް ވަމުންދާއިރު ކަސްޓަމަރަކަށް ބިލު ކުރުމުގައި އަތުވެދާނެ ކަންބޮޑުވުމެއްގެ އިރުޝާދު ދުރާލާ ކުންފުނީގެ ފަރާތުން ދެވޭނެ ކަމަށްވެސް ފެނަކަ އިން ބުނެ އެވެ. އަދި އެކި ގޭބީސީތަކުގެ ކަރަންޓަށް ވަމުންދާ ގޮތް ވަގުތުން ދެނެގަނެވޭނެ އެއްޗަކަށް ސްމާޓް މީޓަރު ވެގެންދާނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެ އެވެ.
ފެނަކައިގެ އަމާޒަކީ ރާއްޖެއަށް ޕްރީފެއިޑް ކަރަންޓް މީޓަރުތައް ހަރުކޮށް، އެ ހިދުމަތް ވެސް ދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ. ފެނަކައިގެ ހިދުމަތްތައް ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް މިހާތަނަށް 135 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.