ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ނައިބް ރައީސް ފައިސަަލް ނަސީމު ވިދާޅުވެއްޖެ އެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ތިން އަހަރު ފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ ކޮވިޑް-19 ގެ ދަތިކަމުގެ ތެރޭގައި ރައީސް ސޯލިހު ގެންގުޅުއްވި ހިކުމަތްތެރިކަމާއި އަދި ކަންކަން ކުރިއަށް ގެންދެވި ރަނގަޅު ގޮތް ފާހަގަކުރަންޖެހޭ ކަމަށެވެ.
އެގޮތުން ކޮވިޑްގެ ތެރޭގައި އެއްވެސް މަޝްރޫއެއް ހުއްޓުމެއް ނެތި ކުރިއަށްގެންދެވުނު ކަމަށާއި އަދި މުވައްޒަފުން ވަޒީފާ އިން ވަކިނުކޮށް މަސައްކަތްތައް ކުރިއަށް ގެންދެވުނު ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި މިއަހަރު ރާއްޖެ އަންނާނެ ކަމަށް ރައީސް ކަނޑައެޅުއްވި 1.6 މިލިއަން ޓޫރިސްޓުންގެ ޓާގެޓް ވެސް އަހަރު ނިމެން ދުވަސްކޮޅެއް އޮއްވާ ހާސިލުވެފައިވާ ކަމަށާއި އެއީ ވަރަށް ވިސްނަވާފައި ރައީސް ޖެއްސެއްވި ހިސާބެއް ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
"ކިތަންމެހާ ވެސް ރަނގަޅޭ ރައްޔިތުންގެ ނިންމުން، 2018 ވަނަ އަހަރު ހަމަ ރަނގަޅު ނިންމުމެއް ނިންމަވާފައި ވަނީ. އޭގެ ނަތީޖާ އަޅުގަނޑުމެންނަށް މި ފެންނަނީ." ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އެތައް ސަތޭކަ ރުފިޔާ އަކަށް ކުރެވުނު ދަތުރުތައް ވަރަށް ކުޑަ އަދަދަކަށް މިއަދު ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން ރަށުން ފުރައިގެން ޑޮކްޓަރަށް ދައްކާލައި، ޓެސްޓުތައް ހެދުމަށްފަހު ޓެސްޓުތަކުގެ ނަތީޖާ ހޯދައިގެން އެނބުރި ރަށަށް ދެވޭހާ ފުރިހަމަ އަށް މިއަދު ދަތުރުފަތުރުގެ ނިޒާމު އިންތިޒާމުވެފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"މިހިރީ ފަސޭހަކަން. މިއަދު މިކަންތައް މި ކުރެވެނީ ވިސްނުންތެރި، ރައްޔިތުންނަށް ފަސޭހަ ކަންތައްތައް ހޯދައި ދިނުމުގެ ވިސްނުން ހުރި ރައީސެއް މިއަދު ރާއްޖޭގައި ހުރީތީ." ފައިސަލް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ރައީސް ސޯލިހަށް ފައިސަލް ވަރަށް ބޮޑަށް ތައުރީފް ކުރެއްވިއިރު ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ރައީސް ވަނީ ނިންމަވާފަ އެވެ.