ބޮލީވުޑްގެ އެކްޓަރު/ޑައިރެކްޓަރު ފަރުހާން އަޚްތަރު އޭނަގެ ދޮންމަންމަ މަޝްހޫރު ބަތަލާ ޝަބާޒް އާޒްމީއާ އެކީ ވެބް ސީރީޒެއްގައި މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި މި ސީރީޒަކީ ފަރުހާނާއި ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓަށް ޑައިރެކްޓަރު ޝޮނާލީ ބޯސް ހަދަން ހަމަޖެހިފައިވާ އެއްޗެކެވެ. އޭނަ އަކީ ފަރުހާނާއި ޕްރިޔަންކާ ޗޯޕްޅާގެ 2019 ގެ ފިލްމު "ދަ ސްކައި އިޒް ޕިންކް" ގެ ވެސް ޑައިރެކްޓަރެވެ.
ނަމަވެސް ޝޮނާލީގެ ސީރީޒްގައި ފަރުހާނާއި ޝަބާނާ ކުޅޭނީ ކޮން ކަހަލަ ރޯލުތަކެއް ކަމާއި އެއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ. ޝަބާނާ ކުރިން ފަރުހާން "ޕޮޒިޓިވް" ގެ ނަމުގައި ޑައިރެކްޓްކުރި ކުރު ފިލްމަކާއި އެކްސެލް އިން ގެނެސްދިން 2007 ގެ ފިލްމު "ހަނީމޫން ޕްރައިވެޓް ލިމިޓެޑް" ގައި މަސައްކަތްކޮށްފައިވެ އެވެ.
މީޑިއާތަކުން ބުނީ ފަރުހާނާ އެކީ ސްކްރީން ހިއްސާކުރަން ޕްރޮޖެކްޓެއް ޝަބާނާ އަށް ހުށަހެޅުމާ ގުޅިގެން އެއަށް ވަގުތު ދޭން އޭނާ ވަރަށް ބޮޑަށް ބޭނުންވާތީ ސޮއިކޮށްފައި ހުރި އެހެން ޕްރޮޖެކްޓްތަކާ ފުށުނާރާ ގޮތަށް މަސައްކަތް ރާވައިދޭން ވެސް އެދިފައިވާ ކަމަށެވެ. ހޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ސްޓީވެން ސްޕީލްބާގްގެ "ހާލޯ" ސީޒަން ދޭކަށް ޝަބާނާ އަށް ވަގުތު ދޭން ޖެހިފައިވެ އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރް އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ހިމެނެ އެވެ.
މަގުބޫލު އެތައް ފިލްމެއް ކުޅެފައިވާ އަދި އިންޑިއާގެ އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ ޝަބާނާ، 72، އާއި ފަރުހާންގެ ބައްޕަ މަޝްހޫރު ޅެންވެރިޔ ޖާވިދު އަޚްތަރު، 77، ކައިވެނިކުރީ 1984 ގަ އެވެ. ފަރުހާނާއި ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ މަންމަ އަކީ ސްކްރީން ރައިޓަރު/ޑައިރެކްޓަރު ހަނީ އިރާނީ އެވެ.