Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ފީފާގެ ރައީސް ޗުއްޓީ އަށް ރާއްޖޭގައި

ގަތަރުގައި ނިންމައިލި ވޯލްޑް ކަޕަށް ފަހު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އިތުރު ބަޔަކާ އެކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ވެރިޔާ ރާއްޖެ އައީ އިއްޔެ މެންދުރު އެވެ. އަދި އިންފަންޓީނޯ ޗުއްޓީ ހޭދަކުރަނީ ވަލްޑޯފް އެސްޓޯރިއޯ މޯލްޑިވްސް އިތާފުށި ރިސޯޓްގަ އެވެ. އިންފަންޓީނޯ، 52، ޗުއްޓީ އަށް ރާއްޖެ އައިސްފައި މި ވަނީ ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ނިންމައިލިތާ ހަފުތާއެއް ދުވަސް ފަހުންނެވެ.

އާޖެންޓީނާ އިން ޗެމްޕިއަންކަން ހޯދި ވޯލްޑް ކަޕް ކުރިއަށް ގެންދިޔައީ މިދިޔަ މަހުގެ 20 އިން މި މަހުގެ 18 އަށެވެ.

މި ފަހަރުގެ ވޯލްޑް ކަޕާ އެކީ ޔޫރަޕްގެ ގައުމުތަކުން ހާއްސަ އެޖެންޑާއެއްގެ ގޮތުގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރުމަށް ކުރި މަސައްކަތް ގަތަރުން ހުއްޓުމަކަށް ގެނައި އިރު، ފީފާ އިން ގަތަރުގެ އެ ނިންމުމަށް ވަރަށް ބޮޑަށް ތާއީދުކުރި އެވެ. އަދި އިންފަންޓީނޯ ފާޅުގައި އެކަމާ ގުޅިގެން ޔޫރަޕަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފައިވެ އެވެ.

އޭނަ ވިދާޅުވެފައިވާ ގޮތުގައި މި އަހަރުގެ ވޯލްޑް ކަޕަކީ އެންމެ ފުރިހަމަ، އެންމެ ބަރާބަރު ވޯލްޑް ކަޕެވެ.

ކޮންމެ ހަތަރު އަހަރުން އެއް ފަހަރު ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ދެން އޮންނާނީ 2026 ގަ އެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށް ދިޔަ އިރު، އެކި މަރުހަލާގައި ކަޓައިގެން ދިޔަ ޓީމްތަކާއި އަދި ވޯލްޑް ކަޕް ނިންމައިލުމަށް ފަހު ވެސް އެކި ގައުމުގެ މަޝްހޫރު ކުޅުންތެރިން ރާއްޖެ އަށް ޗުއްޓީ އަށް އައިސްފައިވެ އެވެ.