ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުރި ޝިމާޒު އަލީ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިމާޒް ޔޫތް މިނިސްޓްރީއަށް ބަދަލުކޮށްފައިވަނީ މިދިޔަ ބްރާސްފަތި ދުވަހުން ފެށިގެންނެވެ.
މިފަހުން ޝިމާޒްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވުނުއިރު، އޭނާއަށް ބަޔަކު ހަމަލާވެސް ދީފައިވެއެވެ. އެ މައްސަލައިގައި ބަޔަކު ހައްޔަރުވެސް ކުރިއެވެ. ޝިމާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ މިނިސްޓްރީން ރައީސް އޮފީހަށްވެސް ސިޓީއެއް ފޮނުވާފައިވެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތަކެއްގެ ތުހުމަތު މިނިސްޓަރު އައިޝަތު ނަހުލާއަށްވެސް ކުރެވެއެވެ. އަދި އެ މައްސަލަ އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ހުށަހަޅާފައެވެ.
ޝިމާޒްގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުރި އަހުމަދު ރިޔާޒުވެސް ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފައެވެ. ރިޔާޒަކީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ސަސްޕެންޝަނުގައި ހުންނެވި ފަރާތެކެވެ.