ސޮނީ ސަބް ޗެނެލްގެ ސިލްސިލާ "އަލީ ބާބާ: ދާސްތާނޭ ކާބުލް" ގެ ބަތަލާ ތުނީޝާ ޝަރުމާ ދަންޖެހިގެން އިއްޔެ މަރުވި މައްސަލައާ ގުޅިގެން އޭނަގެ ލޯބިވެރިޔާ ޝީޒާން ޚާން ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ބުނި ގޮތުގައި "އަލީ ބާބާ" ގެ ޓައިޓްލް ރޯލު ވެސް ކުޅޭ އެކްޓަރު ހައްޔަރުކުރީ، ތުނީޝާގެ މަރުގައި ޝީޒާންގެ އަތެއް ވާ ކަމަށް ބުނެ 20 އަހަރުގެ ބަތަލާގެ މަންމަ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެންނެވެ. އަޑުތައް އަރާފައިވާ ގޮތުން "އަލީ ބާބާ" ގެ ސެޓްގައި ޝީޒާންގެ މޭކަޕް ރޫމްގައި ދަންޖެހިގެން ތުނީޝާ މަރުވި އިރު، އޭނަ އިނީ ބަލިވެ އެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުންނާ މީޑިއާތަކުން ސުވާލުކުރުމުން އެ މައްސަލައިގެ ތަހުގީގުގައި އިސްކޮށް ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ޗަންދުރަކަންތު ޔާދާވް ވިދާޅުވީ ތުނީޝާގެ ޕޯސްޓްމޯޓަމަށް ފަހު ނޫނީ އެފަދަ އެއްޗެއް ކަށަވަރުކޮށް ދެވެން ނެތް ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހެދުމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
ޓީވީ ސިލްސިލާތަކުގެ އިތުރުން ތުނީޝާ އަކީ ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ. އެގޮތުން ކެޓްރީނާ ކައިފްގެ 2016 ގެ "ފިތޫރު" އާއި އެ އަހަރުގެ "ބާރު ބާރު ދޭކޯ" ގައި ކެޓްރީނާގެ ފުރާވަރުގެ ރޯލު ތުނީޝާ ކުޅެފައިވެ އެވެ. އަދި ސަލްމާން ޚާންގެ 2019 ގެ "ދަބަންގް 3" އާއި ވިދިޔާ ބާލަންގެ 2016 ގެ "ކަހާނީ" އިން ވެސް ތުނީޝާ ފެނިފައިެވ އެވެ.