ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފައި މަނީ ލޯންޑަކުރި ކަމުގެ ތުހުމަތުގައި ކުރީގެ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އުފުލާފައިވާ ދައުވާގައި މިއަދު ހުކުމް ކުރަން ތައްޔާރުވަމުން އަންނަ އިރު، ހުކުމެއް އަޔަސް ޔާމީނަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުގެއްލޭނެ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެ އެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް ހުކުމް ކުރުން އޮންނާނީ މާދަމާ ހެނދުނެވެ. ޔާމީނަށް ކުރާ ދައުވާގެ ތެރެއިން ރިޝްވަތުގެ ދައުވާ ސާބިތުވެއްޖެ ނަމަ، މަދުވެގެން ތިން އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެއްޖެ ނަމަ، ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ނަމަވެސް ޔާމީނަށް ހުކުމް ކުރަން ތައްޔާރމުން ދަނިކޮށް ތޯރިގް ރޭ އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުގެއްލޭނެ ކަމަށެވެ. އެގޮތުން 12 މަސް ދުވަހަށް ވުރެ ބޮޑު ހުކުމެއް އެ މަނިކުފާނަށް އަތުވެއްޖެ ހާލަތެއްގައި ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓައި ސްޕްރީމް ކޯޓުން ނިހާއީ ހުކުމެއް ކުރުމާއި ހަމައަށް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމެއް އަތުވެއްޖެނަމަ، 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެތަ? ނޫނެކެވެ، ކުރެވޭނެއެވެ. @ProgressPartyMV pic.twitter.com/xfzFMx9oo5
— Ahmed Thariq (@AhmedThaariq) December 24, 2022
ތޯރިގް ފާހަގަ ކުރެއްވި ގޮތުގައި ގާނޫނުއަސާސީގެ 113 ވަނަ މާއްދާގައިވާ ގޮތުން ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތާ މެދު ހިލާފު އުފެދިއްޖެ ނަމަ، ގޮތް ނިންމުމުގެ ބާރު ވެސް އޮތީ ހަމައެކަނި ސްޕްރީމް ކޯޓަށެވެ. އެހެންވެ 12 މަހަށް ވުރެ ދިގު ހުކުމެއް އަތުވެއްޖެ ނަމަ، ރިޔާސީ އިންތިހާބުގައި ވާދަކުރާ މީހެއްގެ ހުންނަންވާނެ ކަމަށް ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ ޅ. ގައި ބަޔާންކުރާ ޝަރުތުގެ ގޮތުގައި ބެލެވޭނީ ހައި ކޯޓުން އެ ހުކުމެއް ދަމަހައްޓައި އަދި ސްޕްރީމް ކޯޓުން ނިހާއީ ހުކުމެއް ކުރުމުން ކަމަށް ތޯރިގް ވިދާޅުވި އެވެ.
ހުކުމެއް އަޔަސް ޔާމީނަށް އިންތިހާބުަގއި ވާދަކުރުމުގެ ފުރުސަތު ނުގެއްލޭނެ ކަމަށް ތޯރިގު ބާރު ދެއްވީ މިހާރުގެ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ހިމެނޭ ގޮތަށް ސްޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ނޮވެމްބަރު 17، 2011 ގައި އިއްވި ހުކުމެވެ. އެ މައްސަލާގައި ކޯޓުން އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމާފައިވާއިރު ތޯރިގު ވިދާޅުވީ ގާނޫނުއަސާސީގައިވާ ގޮތުން ރައީސްއަކަށް އިންތިހާބުކުރާ މީހެއްގެ ހުންނަ ޝަރުތުތަކާއި މަޖިލިސް މެމްބަރަކަށް ވުމުގެ ޝަރުތުތަކަކީ ވެސް އެއް އުސޫލަކުން ތަރުތީބުކޮށްފައިވާ އުސޫލުތަކެއް ކަމަށެވެ. އެ ޝަރުތުތައް އުނިވުމާއި ސައްހަކަން ކަށަވަރުކުރުމުގައި ވެސް އޮތީ އެއް ހަމައެއް ކަމަށް އޭނާ ވިދާޅުވެ އެވެ.
Raees Yameen ge machah ufulaafaivaa siyaasy dhauvaa aai dhekolhah kuramundhaa ihthijaaju #RY2023 pic.twitter.com/AIJE68MS1q
— Progressive Party of Maldives (@ProgressPartyMV) December 25, 2022
އެއަށް އިާރާތްކުރައްވައި ތޯރިގް ވިދާޅުވީ ޔާމީނަށް ވެސް އަހަރަކަށް ވުރެ ދިގު ހުކުމެއް އަޔަސް ކްރިމިނަލް ކޯޓުން ނުވަތަ ސްޕްރީމް ކޯޓުން ހުކުމެއް ފަސްކުރުމަށް އަމުރެއް ނުކުރާހާ ހިނދަކު ނުވަތަ ރިޔާސީ އިންތިހާބުގެ ފޯމު އިލެކްޝަންސް އިން ގަބޫލުކުރުމާ ހަމައަށް އިންތިހާބުގައި ކެމްޕެއިންކުރުމަށް ރަށްރަށަށް ދަތުރުކޮށް ޖަލްސާތައް ބޭއްވުމާއި ވޯޓު ހޯދުމަށް މީހުންނާއި ބައްދަލުކޮށް ހެދުމުގެ ފުރުސަތު ނުގެއްލޭނެ ކަމަށެވެ.
"އެ ހުށަހެޅުމާ މެދު އިލެކްޝަންސް ކޮމިޝަނުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތު ހަމަނުވާ ކަމަށް ނިންމައިފި ނަމަ، ގާނޫނުއަސާސީ 113 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސް ޔާމީންގެ އެ ރިޔާސީ ކެންޑިޑެންސީއާ މެދު ފަހު ބަސް ބުނަންޖެހޭނީ ސްޕްރީމް ކޯޓުން." އޭނާ ވިދާޅުވި އެވެ.
ޔާމީނަށް ހުކުމް ކުރުމުގެ ޝަރީއަތާ ދިމާކޮށް ސަޕޯޓަރުން މިހާރު ވަނީ ކްރިނިމަން ކޯޓް ކައިރި އަށް އެއްވެފަ އެވެ.