Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

ޕެލޭގެ ފޮޓޯއެއް ހޮސްޕިޓަލުން

މިދިޔަ މަހުން ފެށިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ފޮޓޯއެއް އޭނަގެ ދަރިންތަކެއް ސޯޝަލް މީޑިއާގައި އިއްޔެ އާންމުކޮށްފި އެވެ.

ޕެލޭގެ އަންހެން ދަރިންގެ ތެރެއިން ކެލީ ނަސިމެންޓޯ އާންމުކޮށްފައިވާ ފޮޓޯގައި ފެންނަނީ އެނދުމަތިކޮށްފައި އޮތް ބައްޕަގެ މޭގައި އޭނަ ބޯއަޅާލައިގެން އޮންނަ އިރު، ވޯޑްގެ ސޯފާއެއްގައި ކާފަދަރިއަކު ނިދާފައި އޮންނަ ތަނެވެ. ކެލީގެ ފޮޓޯގައި އާއިލާ ބައްޕައާ އެކީގައިވާ ކަމަށާއި ޝިފާ ލިބޭނެކަމުގެ ޔަގީން ވެސް އޮތް ކަމަށް ބުނެފައިވެ އެވެ.

ޕެލޭގެ ފިރިހެން ދަރިންގެ ތެރެއިން އެޑީނޯގެ ޕޯސްޓެއްގައި ބައްޕަގެ އަތުގައި ހިފައިންގެ އިން ފޮޓޯއަކާ އެކި އޭނަގެ ހުރިހާ ހިތްވަރަކީ ވެސް ޕެލޭ ކަމަށް ބުނެފައިވެ އެވެ.

ޕެލޭ އަށް އެޑްމިޓްކޮށްފައި އޮތީ ސައޮ ޕާލޯގެ އަލްބަޓް އެއިންސްޓެއިން ޖުވިޝް ހޮސްޕިޓަލްގަ އެވެ. ޕެލޭ ،82، އަންނަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ހަޖަމުކުރާ ނިޒާމަށް ޖެހުނު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންނެވެ.

އޭނަގެ ހާލަތާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ކެންސަރު ބަލި ޕެލޭގެ ހަށިގަނޑުގައި އިތުރަށް ފެތުރިފައިވާ ކަމަށާއި ކިޑްނީ އާއި ހިތަށް އިތުރު ފަރުވާ މިހާރު ބޭނުންވާ ކަމަށެވެ.

ޕެލޭ އަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތި ވެފައިވެ އެވެ. އެގޮތުން 2017 ވަނަ އަހަރު ކިޑްނީގެ މައްސަލައެއްގައި ޕެލޭ ހޮސްޕިޓަލްގައި ދުވަސްކޮޅެއް ވަންދެން އެޑްމިޓްކުރި އެވެ. އޭގެ ކުރިން 2015 ވަނަ އަހަރު ބްރެޒިލްގެ ހޮސްޕިޓަލެއްގައި ވެސް ދިގު މުއްދަތަކަށް އޭނާ އެޑްމިޓްކޮށް ފަރުވާ ދިނެވެ.

ޕެލޭ އަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އެވެ.