Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

އައިޕީއެލްގައި ރެކޯޑް އަގެއް

އިންޑިއާގެ މަޝްހޫރު ކްރިކެޓް މުބާރާތް، އިންޑިއަން ޕްރީމިއާ ލީގް (އައިޕީއެލް) ގެ ތާރީހުގައި މިހާތަނަށް ޓީމަކަށް އެންމެ ބޮޑު އަގުގައި ގަތް ކުޅުންތެރިޔާގެ މަގާމު އިނގިރޭސި ކްރިކެޓް ތަރި ސޭމް ކަރަން އަށް ލިބިއްޖެ އެވެ.

ޓީމްތަކަށް ކުޅުންތެރިން ހޯދުމަށް ހުކުރު ދުވަހު ކޮޗީގައި ބޭއްވި އޮކްޝަނުގައި ޕަންޖާބް ކިންގްސް އަށް ސޭމް ގަތީ 18.5 ކްރޯޑް ރުޕީސް (2.22 މިލިއަން ޑޮލަރު) އަށެވެ. މިއީ 2007 ގައި އައިޕީއެލް ބާއްވަން ފެށި ފަހުން، އެ މުބާރާތުގައި ވާދަކުރާ ޓީމެއްގެ ކުޅުންތެރިއަކަށް އެންމެ ބޮޑު އަގެއް ލިބުނު ފަހަރެވެ. ސޭމް، 24، އަކީ ކުރިން ވެސް އައިޕީއެލްގައި ކުޅެފައިވާ މީހެކެވެ. އެގޮތުން 2017 ގައި ވެސް އޭނަ ޕަންޖާބީ ކިންގްސްގައި ކުޅުނެވެ.

ހުކުރު ދުވަހު ބޭއްވި އޮކްޝަނުގައި އެންމެ ބޮޑު އަގެއް ހުށަހެޅުނީ އިނގިރޭސިވިލާތުގެ އިތުރުން އޮސްޓްރޭލިއާގެ ކުޅުންތެރިންނަށެވެ. އެގޮތުން ދެވަނަ އަށް އެންމެ ބޮޑު އަގެއް ހުށަހެޅީ މުމްބާއީ އިންޑިއަންސް އިން ގަތް އޮސްޓްރޭލިއާގެ ކެމެރޮން ގްރީންއަށެވެ. މުމްބާއީ އިންޑިއަންސް އިން އޭނަ ގަތީ 17.5 ކްރޯޑް ރުޕީސް (2.1 މިލިއަން ޑޮލަރު) އަށެވެ. މީގެ އިތުރުން ޗެންނައި ސުޕަ ކިންގްސް އަށް އިނގިރޭސިވިލާތުގެ ބެން ސްޓޯކްސް ގަތީ 16.25 ކްރޯޑް ރުޕީސް (1.95 މިލިއަން ޑޮލަރު) އަށެވެ.

އައިޕީއެލްގެ ކުރިއަށް އޮތް މުބާރާތް އަދި ހަ ވަނަ ސީޒަން ފަށަން ހަމަޖެހިފައި ވަނީ މާޗް 20 ގަ އެވެ.

ޓީ20 އަށް ހާއްސަ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ގުޖުރާތު ޓައިޓަންސް އެވެ.