އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީގެ ބައޮގްރަފިކަލް ޑްރާމާ "މޭ އަތަލް ހޫ" ގައި އަތަލްގެ ރޯލަށް އެކްޓަރު ޕަންކަޖް ޓްރިޕަތީ ހަމަޖައްސައި އޭނައާ އެކީ ފިލްމުގެ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.
މި އަހަރުގެ ޖޫންގައި އިއުލާންކުރި މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
އުތުކާޝް ނައިތާނީގެ ސްކްރީންްޕްލޭ އަށް ހަދާ "މޭ އަތަލް ހޫ" ގެ ޑައިރެކްޓަރަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ ރަވީ ޖާދަވް އެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ވިނޯދް ބަނުޝާލީ އާއި ސަންދީޕް ސިންގް އާއި ސޭމް ޚާނާއި ކަމްލޭޝް ބަނުޝާލީގެ އިތުރުން ޒީޝަން އަހުމަދާއި ޝިވް ޝަރުމާ އެވެ.
އަތަލްގެ ރޯލު ކުޅެން ޕަންކަޖަށް ލިބުނު އިރު، 46 އަހަރުގެ އެކްޓަރަކީ ބޮލީވުޑްގައި މި ވަގުތު ސަޕޯޓިން އެކްޓަރުންގެ ތެރެއިން އެންމެ ހުނަރުވެރި އަދި އެންމެ ޑިމާންޑް ބޮޑު އެކެކެވެ. ޕަންކަކް މިހާތަނަށް އެތައް ފިލްމެއްގެ އިތުރުން ވެބް ސީރީޒްތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. އޭނަ އަށް 2017 ގެ "ނިއުޓަން" އިން ނެޝަނަލް އެވޯޑެއް ވެސް ލިބިފައިވެ އެވެ.'
އިންޑިއާގެ 10 ވަނަ ބޮޑުވަޒީރުގެ ގޮތުގައި އަތަލް ތިން ދައުރަކަށް މަގާމު ފުރުއްވި އެވެ. އެގޮތުން ބީޖޭޕީ އަށް ނިސްބަތްވި ލީޑަރު އެންމެ ފުރަތަމަ ބޮޑުވަޒީރުކަން ކުރެއްވީ އެންމެ 13 ދުވަހަކަށް 1996 ގަ އެވެ. އޭގެ ފަހުން 13 މަސް ދުވަހުގެ މުއްދަތަށް 1998 އިން 1999 އަށް ބޮޑުވަޒީރުކަން ކުރެއްވި އެވެ. އޭގެ ފަހުން ބޮޑުވަޒީރުގެ ގޮތުގައި ފުރިހަމަ ދައުރެއް އަދާކުރެއްވީ 1999 އިން 2004 އަށެވެ.
އަތަލް އަވަހާރަވީ 93 އަހަރުގައި އޮގަސްޓް 16، 2018 ގަ އެވެ.