އެޗްޑީސީއާއި އުގެއިލް ފައުންޑޭޝަންގެ އިސްނެގުމަށް ކުރިއަށް ގެންދާ 'ދަ ސާކަލް' ޕްރޮގްރާމުގެ ދަރިވަރުން 2045 ވަނަ އަހަރު ދުނިޔެ އޮންނާނެ ގޮތުގެ ތަސައްވަރު ދައްކުވައިދޭ ފޮތް އިފްތިތާޙް ކޮށްފިއެވެ.
ސާކަލް ޕްރޮގްރާމަކީ އެޗްޑީސީގެ އެހީގައި އުގެއިލް ފައުންޑޭޝަނުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ކުދިންގެ 'ދަ އިޔާރ 2045' އިފްތިތާޙް ކޮށްދެއްވީ ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އާތިފްއެވެ. މިފޮތުގައި ފެނިގެންދާ ހުރިހާ މަސައްކަތަކީވެސް ސާކަލްގެ އެކި ޕްރޮގްރާމުތަކުގައި ބައިވެރިވާ ދަރިވަރުންގެ މަސައްކަތް ކަމަށް އެޗްޑީސީން ބުނެއެވެ.
އުގެއިލް ފައުންޑޭޝަންގެ އިސްނެގުމުގެ ދަށުން އަދި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ދަ ސާކަލް އަކީ ކުޑަކުދިން އަދި ބޮޑުމީހުންގެ ވިސްނުން ތަރައްޤީކޮށް އެފަރާތްތައް ބާރުވެރި ކުރުމުގެ މަޤްސަދުގައި ހިންގާ އަކަޑަމީއެކެވެ. އުނގެނުމަށް ޝައުގުވެރިވާ ޢިލްމީ މަސައްކަތްތެރި އަދި ފަންނުވެރި ދަރިންތަކެއް ބިނާކުރުމަށްޓަކައި 2019 ގައި ފެށި މި އެކަޑަމީގެ ޕްރޮގްރާމްތަކުގައި މިހާތަނަށް ގިނަ ދަރިވަރުންތަކެއް ވަނީ ބައިވެރިވެފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

ދަ ސަރކަލްގެ ޕްރޮގްރާމްތަކުގެ ތެރޭގައި ލީޑަރސް އޮފް ޓުމޯރޯ ކޯޑިންގ އެންޑް ކްރިޓިކަލް ތިންކިންގ އެޑްވާންސްޑް ކޯޑިންގް އަދި ކްރިއޭޓިވް އިންގްލިޝް ހިމެނެއެވެ. މި ޕްރޮގްރާމްތަކުގެ މައިގަނޑު ބޭނުމަކީ ބައިވެރިންނަށް އައު މައުލޫމާތުތަކެއް ފޯރުކޮށްދިނުމުގެ އިތުރުން ބައިވެރިންގެ ވިސްނުން ތަރައްގީކޮށް ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ބޭނުންކުރެވޭނެފަދަ މުހިންމު ހުނަރުތަކެއް ދަސްކޮށްދިނުން ކަމަށް އެޗްޑީސީން ބުނެއެވެ.