Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އެމްއޭސީއެލުން މުވައްޒަފުންގެ އަގުވަޒަންކޮށްފި

އެމްއޭސީއެލް މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ބޭއްވި ރަސްމީއްޔާތުގެ ތެރެއިން /ފޯޓޯ: އެމްއެޭސީއެލް

މޯލްޑިވްސް އޭއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއަށް ގިނަ ދުވަހު ޙިދުމަތްކޮށްދެއްވީ މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވަފައިއެވެ.

ހަނދާނީ ފިލާ އެރުވުމަށް ބޭއްވި ރަސްމީއްޔާތުގައި 145 މުވައްޒަފެއްގެ އަގުވަޒަންކޮށްފައިވެއެވެ. މިގޮތުން އެކުންފުންޏަށް 20، 30، 35 އަދި 40 އަހަރު ޙިދުމަތްކޮށްދެއްވި މުވައްޒަފުންގެ އަގުވަޒަންކުރިއެވެ. މި ހަފްލާގައި ހަނދާނީ ފިލާ އެރުވި ފަރާތްތަކުގެ ތެރޭގައި ކުންފުންޏަށް 20 އަހަރަށް ވުރެ ގިނަ ދުވަހު ޙިދުމަތް ކުރެއްވި 41 މުވައްޒަފަކާއި، 25 އަހަރަށް ވުރެ ގިނަ ދުވަހު ޙިދުމަތް ކުރި 68 މުވައްޒަފަކަށް ހަނދާނީ ފިލާއެރުވިއެވެ. އަދި 30 އަހަރަށް ވުރެ ގިނަ ދުވަހު ޙިދުމަތް ކުރި 16 މުވައްޒަފަކާއި 35 އަހަރު ދުވަހު ޙިދުމަތުގައި ދެމި ތިއްބެވި 15 މުވައްޒަފެއް ވަނީ ފާހަކޮށްފައެވެ. މީގެ އިތުރުން 40 އަހަރަށް ވުރެ ގިނަ ދުވަސް އެއާޕޯޓް ކުންފުންޏަށް ޙިދުމަތްކޮށްދެއްވި 40 މުވައްޒަފުން ވަނީ ފާހަގަކޮށްފައެވެ.

އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރ މަހުޖޫބް ޝުޖާއު /ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލް މުވައްޒަފުންގެ އަގުވަޒަކޮށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މަހުޖޫބް ޝުޖާޢު ވިދާޅުވީ، އޭވިއޭޝަން އިންޑަސްޓްރީއަށް ގިނަ ބަޔަކު އެ ބޭފުޅުންގެ މަސައްކަތް ފެނި ވަންނަމުން ދާ ކަމަށެވެ. އަދި މިއީ ކުންފުންޏަށް ކުރި ޙިދުމަތުގެ އިތުރަށް ޤައުމުގެ މުސްތަޤްބަލު އުޖާލާ ކުރުމަށް ކޮށްދެވޭ ޙިދުމަތެއް ކަން ފާހަގަ ކުރެއްވިއެވެ. މިއާއެކު އެމްއޭސީއެލްގެ މަސައްކަތް މިހާރު ތަރައްޤީވެ ބައްޓަވަމުންދާ ހަލުވިމިނާއެކު ހުރިހާ މުވައްޒަފުންވެސް އެ މުވައްޒަފެއްގެ ފުރިހަ ޤާބިލީއްޔަތާއި އެކު ކުންފުނި ކުރިއަރުވަން މަސައްކަތް ކޮށްދެއްވުމަށް އެދި ވަޑައިގެންނެވިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް އަކީ 3500 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ ސަރުކާރު ހިއްސާވާ އެންމެ ބޮޑު އެއްކުފުނިއެވެ. އެކުންފުނީގެ މަސައްކަތްތައް ބައްޓަވެފައި އޮންނަނީ މުވައްޒަފުންގެ ލާބައާއި މަންފާއަށް ހާއްސަ އިސްކަމެއް ދެވިގެން ކަމަށް އެކުންފުނިން ބުނެއެވެ.