Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

"ދިރިއުޅުމަކީ މިއީ ބާ؟" ގެ އިބްރާހީމްބެ މަރުވެއްޖެ

ރާއްޖޭގެ މަޝްހޫރު އެކްޓަރު ޑައިރެކްޓަރު ޔޫސުފް ރަފީއު (ޔޫސޭ) ގެ މަޝްހޫރު ޑްރާމާ ސީރީޒް "ދިރިއުޅުމަކީ މިއީބާ؟" ގައި މަސައްކަތްކޮށްފައިވާ އެކްޓަރު އަބްދުﷲ އަލީ (އިބްރާހީމްބެ) ރޭ މަރުވެއްޖެ އެވެ.

އޭނަ އަކީ ރޯދަމަށް ހާއްސަކޮށްގެން ގެނެސްދެމުން އައި ޑްރާމާގެ ވަރަށް ގިނަ އެޕިސޯޑްތަކުގައި މިހާތަނަށް މަސައްކަތްކޮށްފައިވާ މީހެކެވެ. ހަތް ކުދިންގެ ބައްޕަ އިބްރާހީމްބެ، 57، ފާހަގަކުރެވެނީ ވެސް ހަމައެެކަނި "ދިރިއުޅުމަކީ މިއީބާ؟" އަށް ހާއްސަ އެކްޓަރެއްގެ ގޮތުގަ އެވެ.

އޭގެ އެންމެ އާންމު އެއް މޫނަކީ އަބަދު ވެސް އޭނަ އެވެ. މާލެ އަށް އުފަން އިބްރާހީމްބެގެ އާންމު ސްޓައިލަކީ ގަމީހާއި ސޯޓް ބުރި ލައި، ކުލަ ޖެއްސި ބޮލާއި ބޮޑު މަތިމަހެވެ. މި އޭނަގެ ހައިބައިތު ދައްކުވައިދޭ ކަންކަމެވެ.

"ދިރިއުޅުމަކީ މިއީބާ؟" ގެ އިތުރުން ބައެއް ޓީވީ އިޝްތިހާރުތަކުން ވެސް އިބްރާހިމްބެ ފެނިފައިވެ އެވެ. އޭގެ ތެރޭގައި "ކޫލުކުރާ ފަންކާ" އިޝްތިހާރު ފާހަގަކޮށްލެވެ އެވެ.

އިބްރާހީމްބެ އަކީ އޭނަގެ އެކްޓިން އާއި ޑައިލޮގް ޑެލިވަރީ ވަރަށް ނެޗްރަލް ކަމަށް ގަބޫލުކުރާ ފަންނާނެކެވެ. އަދި "ދިރިއުޅުމަކީ މިއީބާ؟" ގެ އެންމެ ބޮޑު އެއް ދިރުމަކީ ވެސް އޭނަ އެވެ.