Last Updated: June 29, 13:08
Monday, June 29, 2026
ކުޅިވަރު

ގްރޫޕް ބީގެ ދެވަނަ މެޗް ފެށުން ލަސްވެއްޖެ

ޕިލިޕީންސް ޓީމް ސްޓޭޑިއަމްއަށް ވަންނަނީ. އަފްއާން ޓީމަށް ދަނޑަށް އާދެވުނީ ނުވައެއް ޖަހަން އުޅެނިކޮށް. ފޮޓޯ: އައްޑޫލައިވް

އޭއެފްސީ ޗެލެންޖް ކަޕް ގްރޫޕް ބީގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ އަފްޢާނިސްތާން އަދި ޕިލިޕީންސްގެ މެޗް މިރޭ 10އަށް ލަސްވެއްޖެ އެވެ.

"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މެޗް ޑިލޭ ކުރީ އަފްޢާން ޓީމަށް ހެރެތެރެއިން ދަނޑަށް ގަޑިއަށް ނުގެނެސްދެވިގެންނެވެ.

ނުވައެއް ޖަހާއިރު ފެށުމަށް ހަމަޖެހިފާ މެޗްގައި ވާދަލުރާ ޕިލިޕީންސް ޓީމް ދަނޑަށް ހާޒިރުވެފައިވާ އިރު އަފްޢާނިސްތާނު ޓީމް ދަނޑަށް ހާޒިރު ވެފައިވަނީ 8:50 ވީއިރުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީމްތައް ހެރެތެރެއިން ގެނައުމަށް ބޭނުން ކުރަމުން ދިޔަ ލޯންޗަކަށް ޓެކްނިކަލް މައްސަލައެއް ޖެހި ޓީމްވަނީ ގަޑިއަށް ސްޓޭޑިއަމްއަށް ގެނެވޭ ގޮތް ނުވެފައެވެ.

މިއަދު ހަވީރު މުބާރާތުގެ ގްރޫޕް ބީގެ ފުރަތަމަ މެޗް ފެށުމުގައި ވެސް ވަނީ މައްސަލަ ކުރިމަތިވެފައެވެ. އެގޮތުން ދެޓީމް ދަނޑުމަތީގައި އެތުރުމަށް ފަހު ލާއޯސްގެ ގައުމީ ސަލާމް ކުޅެން ފެށިތަނުން ސްޓޭޑިއަމްގެ ވަކިތަނަކުން ކަރަންޓް ގޮސްގެން ވަނީ އެޓީމްގެ ގައުމީ ސަލާމް ނުކުޅެވިފައެވެ. އަދި އެންމެ ފަހުން އެޓީމްގެ ކުޅުންތެރިން ވަނީ އަމިއްލަ އަށް ގައުމީ ސަލާން ކިޔާފައެވެ.