މަޝްހޫރު ވިޔަފާވެރިޔާ މުހައްމަދު މޫސާގެ (އުއްޗު) ގެ އުފަން ދުވަހަށް އިންޑިއާގެ ފުރާވަރުގެ ލަވަކިޔުންތެރިޔާ މުހައްމަދު ފައިޒް ރާއްޖެ އަތުވެއްޖެ އެވެ.
އުމުރުން 15 އަހަރުގެ ފައިޒަކީ ސޮނީ ޓީވީން މި އަހަރު ގެނެސްދިން އެ ޗެނެލްގެ "ސުޕަސްޓާ ސިންގާ" ސީޒަން ދޭއް ކާމިޔާބުކުރި ފަންނާނެވެ. ސޮނީން މިހާރު ދައްކަމުން އަންނަ "އިންޑިއަން އައިޑޮލް" ސީޒަން 13 ގައި މިދިޔަ މަހުގެ ތެރޭގައި ފައިޒް މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ލަވަ ކިޔާފައިވެ އެވެ.
އުއްޗުގެ އުފަން ދުވަހަށް އޭނަ ރާއްޖެ އައީ އިއްޔެ ހަވީރު އެވެ. އުއްޗުގެ ކުރެއްދޫ އައިލެންޑް ރިސޯޓުން ފައިޒަށް ހޫނު މަރުހަބާއެއް ވެސް ކިޔެ އެވެ. އުއްޗުގެ އުފަން ދުވަހަކީ އިއްޔެ ކަމަށް ވިޔަސް، ފައިޒްގެ ޕަފޯމަންސްތަކާ އެކީ އުފަން ދުވަހުގެ ޝޯ އޮންނާނީ މިރެ އެވެ.
އަރަމުން މި ފަންނާނަކީ ހާއްސަކޮށް ލޯބީގެ ލަވަތައް ކިޔަން ވަރަށް ކުޅަދާނަ ކުއްޖެކެވެ. އެގޮތުން "ސުޕަސްޓާ ސިންގާ 2" ގައި ވެސް ފައިޒް އެންމެ ބޮޑަށް ފާހަގަކުރެވެނީ ލޯބީގެ ލަވަތައް ކިޔަން ވަރަށް ކުޅަދާނަ ލަވަކިޔުންތެރިއެއްގެ ގޮތުގަ އެވެ. ސޮނީގެ ޝޯގެ އިތުރުން ރާޖަސްތާނުގެ ޖޯދުޕޫރަށް އުފަން ފައިޒަކީ 2019 ގައި ޒީޓީވީގެ "ސާރޭގާމާ ލިލް ޗޭމްޕްސް" އާއި 2018 ގައި "ލަވް މީ އިންޑިއާ ކިޑްސް" ގައި ވެސް ވާދަކޮށްފައިވާ ފަންނާނެކެވެ.
އުއްޗުގެ އުފަން ދުވަސް ފާހަގަކުރަން މި އަހަރު ފައިޒް ގެނައި އިރު މިދިޔަ އަހަރު ވެސް އޭނަގެ އުފަން ދުވަސް ކުލަގަދަކޮށް ފާހަގަކުރި އެވެ. އެގޮތުން ހަފުލާގައި ސްރީ ލަންކާގެ ކުރީގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަަޕަކްސާ ބައިވެރިވެވަޑައިގަތެވެ.