Last Updated: June 14, 17:57
Sunday, June 14, 2026
ޚަބަރު

އިދިކޮޅު ކޯލިޝަން އޮތީ ބަދަހިކޮށް: އަދުރޭ

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޖަލަށް ލިޔަސް، ކޯލިޝަން އޮތީ ބަދަހިކޮށް ކަމަށް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހިމް އަބްދުއްﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމާއި ޕީއެންސީގެ ސަފުތައް އޮތީ ބަދަހިކޮށް ކަމަށެވެ.

"ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނިޔާވެރި ސަރުކާރުން ޝަރުޢީ ނިޒާމަށް ހަތަރެސްފައި ބާނައިގެން ރައީސް ޔާމީނަށްކޮށްފައިވާ ހަރާން ހުކުމް އަހަރެމެން ބަލައެއް ނުގަންނަމު،" އަދުރޭ ވިދާޅުވި އެވެ. މި ތިބީ ފިސާރި ގަދަކޮށް ރައީސް ޔާމީނާ އެކު."

ޔާމީނަށް ކުރި 11 އަހަރުގެ ހުކުމާ ގުޅިގެން ސަރުކާރަށާއި ޝަރުއީ ދާއިރާ އަށް އަދުރޭ ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި ރައީސް ޔާމީން ވަރަށް އަވަހަށް މިނިވަންކުރާނެ ކަމަށް އޭނަ ގެންދަވަނީ ވިދާޅުވަމުންނެވެ.

އިއްޔެ އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް ހުކުމް އިއްވި ގާޒީ އަހުމަދު ޝަކީލު އިއްވީ އިންޑިއާ އިން ދިން ހުކުމެއް ކަމަށާއި ކޯޓަށް މިއަދު ވަޑައިގެންނެވުމާ އެކީ ގާޒީގެ ހަށިގަނޑު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ޝަކީލު ހުންނެވީ "ގަން ޕޮއިންޓް" ގައި ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ހުކުމް އިއްވި ޝަކީލު ހުންނެވީ ރަހީނުކޮށްފައި ކަމަށާއި ހުކުމް އިއްވަމުން ދިޔައީ ވަކިން ކޮޓަރިއެއްގައި ހުންނަވައިގެން ކަމަށެވެ. އަދި ކޯޓަށް ފުލުހުންނާއި ސިފައިން ވެސް ޝަރީއަތް ފެށުމުގެ ކުރިން ވަތް ކަމަށް އަދުރޭ ތުހުމަތު ކުރެއްވި އެވެ.

ނަމަވެސް އަދުރޭގެ އެ ވާހަކަތައް ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ދޮގުކުރައްވާފައިވެ އެވެ. އޭނާ ވިދާޅުވީ ވަކީލުންގެ މަސައްކަތަކީ ކޯޓަށް ވަޑައިގެން ވަކާލާތު ކުރެއްވުން ކަމަށާއި ޕީޕީއެމްގެ ބޮޑު ސިޔާސީ ޕާޓީއެއް ކަމަށްވާ އިރު އެ ޕާޓީގެ އެކި ގުނަންތަކުން ދައްކާ ވާހަކަތަކަށް ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށެވެ.