އިންޑިއާގެ މަޝްހޫރު ޒުވާން ސެލެބްރިޓީ ޖަންނަތު ޒުބައިރު އުމްރާގެ އަޅުކަން އަދާކޮށްފި އެވެ.
އުމުރުން 21 އަހަރުގެ ބަތަލާ އާއި އޭނަގެ ކޮއްކޮ އަޔާން ޒުބައިރު އުމްރާގެ އަޅުކަމަށް ގޮސް މައްކާގެ ހަރަމްފުޅުގައި ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މިޑިއާގައި އާންމުކޮށްފައިވެ އެވެ. އޭގެ ކެޕްޝަނުގައި ކޮއްކޮއާ އެކީ ފުރަތަމަ ފަހަރަށް އުމްރާގެ އަޅުކަން އަދާކުރެވުނުކަން ފާހަގަކޮށް، އެކަމަށްޓަކައި ހެއްދެވި ފަރާތަށް ޝުކުރު އަދާކުރާ ކަމަށް ބުނެފައިވެ އެވެ.
އާންމުންގެ ތެރޭގައި މަގުބޫލުވި ސިލްސިލާތައް ކަމަށްވާ "ކާޝީ" އާއި "ޕުލްވާ" އަދި "ތޫ އާޝިގީ" ފަދަ އުފެއްދުންތަކުން ފެނިފައިވާ ޖަންނަތު އެންމެ ފަހުން ފެނިފައި ކަލާޒް އިން މި އަހަރު ގެނެސްދިން ސްޓަންޓް ރިއަލިޓީ ޝޯ، "ހަތުރޯން ކޭ ކިލާޅީ" ގެ ސީޒަން 12 އިންނެވެ.
މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ 2018 ގެ ފިލްމު "ހިޗްކީ" ގެ ރޯލަކުން ވެސް ފެނިފައިވާ ޖަންނަތު މިހާތަނަށް ވަރަށް ގިނަ ވީޑިއޯ ލަވަތައް ވެސް ކުޅެފައިވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ކަރަން މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ އުފެއްދުމަކުން ވެސް ޖަންނަތަށް ފުރުސަތު ލިބިފައިވެ އެވެ.