Last Updated: June 14, 17:56
Sunday, June 14, 2026
ރިޕޯޓް

މިހާރު ޔާމީނެއް ނެތް؛ ދެން ކާކު؟

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދު ޔާމީން މިހާރު ކޮބައި ހެއްޔެވެ؟ އެ މަނިކުފާނަށް މިހާރު ޖެހިވަޑައިގެންފައި މިއޮތީ އިއްުޔެ އިއްވި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވާށެވެ. ރިޔާސީ އިންތިހާބު ބޯމަތިވެ، ކެމްޕޭން ވެސް ފައްޓަވާފައި ވަނިކޮށް، ޔާމީނަށް ޖެހިވަޑައިގަތް މި ހާލާ އެކީ އެންމެ ބޮޑު ސުވާލުތަކަކީ ދެން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެތޯ އެވެ؟ އެ ފުރުސަތު އެބައޮތްތޯ އެވެ؟

އިއްވި ހުކުމަށް ބަލާ އިރު، ޔާމީނަށް ރިޔާސީ އިންތިހާބު ގެއްލުން ނޫން ގޮތެވެ. ނަމަވެސް އެ މަނިކުފާނުގެ ކޯލިޝަން ޕީޕީއެމްއެމް/ޕީއެންސީން ހަރުއަޑުން ތަކުރާރުކޮށް ބުނަމުން އަންނަނީ އަހަރު ބާއްވާ ރިޔާސީ އިންތިގާބުގައި ޔާމީންގެ ނަން އޮންނާނެ ކަމަށެެވެ. އަދި އެ މަނިކުފާނު އިންތިހާބު ކާމިޔާބު ވެސް ކުރައްވާނެ ކަމަށެވެ.

ޔާމީނަށް އަލުން ޖަލު ހުކުމަކަށް ވަޑައިގަންނަވަން މި ޖެހުނީ ދެވަނަ ދައުރަކަށް 2018 ގައި ވާދަކުރައްވައި ބަލިވެވަޑައިގަތް ފަހުން އުފުލި އެތައް ދައުވާތަކެއްގެ ތެރެއިން ދައުވާއެއް ސާބިތުވެ، ޖަލު ހުކުމެއް ކުރިން ވެސް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށެވެ. އެ ހުކުމުން ޔާމީން "ސަލާމަތްކޮށް ދިނީ" ސުޕްރީމް ކޯޓުންނެވެ.

އޭގެ ފަހުން އަނެއްކާ ވެސް ސިޔާސީ މަސައްކަތްތައް ފެއްޓެވި އެވެ. އެގޮތުން ޖަލު ހުކުމުން ސަލާމަތްވެވަޑައިގަތުމާ އެކީ ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދިޔަ އެންމެ ބޮޑު އެއް ސިޔާސީ ހަރަކާތަކީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލައި ފެށި "އިންޑިއާ އައުޓް" ކެމްޕޭނެވެ. މި ކެމްޕޭން އިދިކޮޅުން ފެށީ ޔާމީން ޖަލުގައި އޮންނަވަނިކޮށެވެ. އެކަމަކު ފަހުން މި މި ކެމްޕޭނުގައި އެންމެ އިސް ރޯލެއް އަދާކުރެއްވީ ސީދާ ޔާމީނެވެ. އެގޮތުން މާލެ އާއި އަތޮޅުތެރޭގެ ބައެއް ރަށްރަށަށް ވެސް ވަޑައިގެން "އިންޑިއާ ކެމްޕޭން" ހިންގެވި އެވެ.

ފަހުން އެ ކެމްޕޭން މަޑުޖައްސާކައި ޔާމީން ދެން އިސްކަން ދެއްވީ ކޯލިޝަންގެ ރިޔާސީ ޓިކެޓް އޮގަސްޓް މަހުގެ 19 ވަނަ ދުވަހުގެ ރޭ ހަވާލުކުރުމާ އެކީ ރިޔާސީ އިންތިހާބުގެ ކެމްޕޭމެވެ. އެގޮތުން އެތައް އަތޮޅަށް، އެތައް ރަށަކަށް މިހާތަނަށް ވަޑައިގެންފައިވެ އެވެ.

ނަމަވެސް ކެމްޕޭން ފޯރި އަދި ކުރިއަށް އޮއްވައ، މި ޖެހިވަޑައިވަގަތީ އަލުން ޖަލަށް ވަންނަވާށެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި ޔާމީނަށް އިއްޔެ އިއްވި ހުކުމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. ސަބަބަކީ ރިޔާސީ އިންތިހާބުގެ ކުރިން އެ މަނިކުފާނު މިފަދަ "މަޅިއެއް" ގައި ޖެހޭނެކަން ނުވަތަ ޖައްސާނެ ކަމަށް ކުރިން ވެސް ގަބޫލުކުރެވިފައި އޮތުމެވެ.

އިންތިހާބަށް ކުޑަތަންވަމުން އަންނަނިކޮށް އެކަން މިއޮތީ ވެފަ އެވެ. މިއާ އެކީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެމްޕޭނުގައި ބުރެކި ޖެހުނީ އެވެ. އެހެންވެ ކޯލިޝަނަށް ދެން ކުރަން ޖެހިފައި އޮތް ކަމަކީ ޔާމީން މިނިވަންކުރާނެ ކަމަށް ބުނެ މަގުމަތީގެ ހަރަކާތްތަކަށް ނުކުތުމެވެ. ހުކުމުން އެ މަނިކުފާނު ސަލާމަތްވެވޭނެ ކޮންމެވެސް ގޮތެއް ހޯދުމެވެ. އޭގެ ފުރަތަމަ ކޮޅުމައްޗަކީ ހުކުމް އިސްތިއުނާފުކުރުމެވެ. ޔާމީންގެ ގާނޫނީގެ ވަކީލުންގެ ޓީމުން ވަނީ އެކަން ކުރާނެ ކަމަށާއި އިސްތިއުނާފު ކާމިޔާބު ވެސް ކުރެވޭނެ ކަމަށް ބުނެފަ އެވެ.

ޔާމީނަށް ކުރިމަތިވަޑައިގަތް މި ކަންތަކާ އެކީ ބޮޑު މަންޒަރުން މިހާރު ފެންނަނީ އެ މަނިކުފާނާ ނުލައި އަންނަ އަހަރު ރިޔާސީ އިންތިހާބަށް މަގުކޮށާ ތަނެވެ.

މިއާ އެކީ އުފެދޭ އެންމެ ޝައުގުވެރި ސުވާލުތަކީ ޔާމީން ނެތިއްޔާ ދެން ކާކު ހެއްޔޭ އެވެ؟ ޕީޕީއެމް/ޕީއެންސީގައި ކެންޑިޑޭޓްކަން ދޭން އެކަށީގެންވާ ވަރުގެ އިތުރު ބޭފުޅަކު ނުވަތަ އެބަތިބި ހެއްޔޭ އެވެ؟ ހުރިއްޔާ އެއީ ކާކު ހެއްޔޭ އެވެ؟

ކޯލިޝަނުން ބުނާ ގޮތުގައި ޔާމީން ނޫން މީހަކު ވެރިކަމަށް ގެންނާކަށް ބޭނުމެއް ނުވެ އެވެ. އެހެންވެ ޔާމީނާ ނުލައި އެ ނޫން ގޮތަކަށް ވިސްނުމަކީ މި ކޯލިޝަންގައި ނެތް ކަމެކެވެ. އޭގެ މާނަ އަކީ ޕްލޭން ބީއެއް ނެތޭ އެވެ. ނަތީޖާ އަކީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކާ މެދު މިހާރު ދެވަނަ ވިސްނުމަށް ދާން ޖެހުމެވެ. އިތުރު ގޮތެއް ގޯދަން ވިސްނަން ޖެހުމެވެ. މިއީ އެންމެ ފަހު ވަގުތާ ހަމައަށް މަޑުކުރެވޭނެ ކަމެއް ވެސް ނޫނެވެ.

އެހެންވެ ޕީޕީއެމް/ޕީއެންސީން ޕްލޭން ބީއަކާ ދޭތެރޭ ވިސްނަން މަޖުބޫރުވާނެ އެވެ. ޔާމީން މިނިވަންކުރާނަމޭ، އިންތިހާބުގައި ނަންކޮޅު އޮންނާނެ ކިޔަކިޔައި ތިބޭނެހޭ ވަގުތެއް މިހާރަކު ނެތެވެ. އަދި ފަސް ވަރަކަށް ދުވަސް ފަހުން ރާއްޖެ މި ކުރިމަތިލަނީ އިންތިހާބުގެ އަހަރަށެވެ. ސިޔާސީ ފޯރި އާއި ސިޔާސީ ކުޅިވަރުގެ ރޫހާއި ޖޯޝްގެ ބޮޑު ރާޅެއް ނަގާނެ "ބޮޑު 2023" އަށެވެ. އެހެންވެ މިކަމަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް މިހާރު ޔާމީން މިނިވަން ކުރަން އެކަނި ގޮވައިލަން ނުކުމެ ތިބުމަށް ވުރެ، ސީރިއަސް ސިޔާސީ ނިންމުމަކާ ދޭތެރޭ ވިސްނަން ޖެހިފައިވާ ވަގުތެވެ.

ފެންނަ ފެނުމަށް ބަލާ އިރު، އިދިކޮޅު ކޯލިޝަނުން ފެންނަކީ އެފަދަ ކަމަކަށް ތައްޔާރު ނޫން ތަނެވެ. އެހެންވެ ދެން އޮތީ ވާ ގޮތެއް ބަލަން ތިބުމެވެ. ފަހަރުގައި މިކަމަކީ އަނެއްކާ ޕީޕީއެމާއި ޕީއެންސީގެ ތެރޭގައި ބޮޑު ކޯޅުންގަނޑަކަށް ވެސް ވެދާނެ އެވެ. ދެ ޕާޓީގެ އިސް ބައެއް ވެރިންގެ ވާހަކަތަކުގެ ރާގު މިހާރު ހުރި ގޮތަށް ބަލާ އިރު، ބޮޑު "ތަޅާލުގަނޑެއް" ފެނުމަކީ ވެސް ހަމަ ވެދާނެ ގޮތެކެވެ.